ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ބަލިފައި ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މެޗަށް ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޖުޕް ހެއިންކޭސް ބުނެފިއެވެ.
މި ދެ ޓީމުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ކުޅޭއިރު މި ދެ ޓީމު ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލްއެވެ. މިރޭގެ މެޗުގައި އެގްރިގޭޓް ނަތީޖާ ބަޔާންއަށް ބަދަލުނުކުރެވިއްޖެނަމަ މިއަހަރުގެ ފައިނަލް ވެގެންދާނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކުރުމަށް ރެއާލްއަށް ލިބޭނެ ބޮޑު ފުރުސަތަކަށެވެ. މި މެޗު ވެގެންދާނީ މި ދެ ޓީމުގެ މެދުގައި ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ކުޅެވޭ 26 ވަނަ މެޗަށެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބަޔާންއަށް ކާމިޔާބުކޮށްދިން ކޯޗު ބުނީ ރެއާލްއަކީ އަމިއްލަ ދަނޑުގައި ބަލިކުރެވޭނެ ޓީމެއްކަން ޔުވެންޓަސްއިން ދައްކުވައިދީފައިވާ ކަމަށާއި އެ ޓީމަކީ ބަލިނުކުރެވޭނެ ޓީމެއް ކަމަށް ބަޔަކު ދެކުނު ނަމަވެސް އެކަން އެގޮތަށް އަބަދަކު ނުހިނގާނެ ކަމަށެވެ. ހެއިންކޭސް ބުނީ މި މެޗު އުނދަގޫ ވާނެކަން އެނގޭ ކަމަށާއި ރެއާލްއަކީ ބޮޑު މެޗުތަކުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ޓީމެއް ކަމަށެވެ. އޭނާ ބުނީ ރެއާލްއާ އެއްވަރަށް ބަޔާންއަކީ ވެސް ބޮޑު މެޗުތަކުގެ ތަޖުރިބާ ލިބިފައިވާ ޓީމެއް ކަމަށާއި ރެއާލްއަށް މި މެޗު އުނދަގޫ ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ހެއިންކޭސް ބުނީ ރެއާލްގެ ޓީމުގެ ބަލިފައި އެނގޭ ކަމަށާއި ދެވަނަ ލެގަށް ތައްޔާރުވާނީ އެކަންކަމަށް ވިސްނުމަށްފަހު ކަމަށެވެ. އަދި އެކަންކަމުގެ ފައިދާ ނެގިއްޖެނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމަށާއި އެކަންކަމަށް ކުޅުންތެރިން ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށް ހެއިންކޭސް ބުނެފައިވެއެވެ. ހެއިންކޭސް ބުނީ ފައިނަލަށް ދަތުރުކުރުމަކީ ބަޔާންއަށް ވަރަށް މުހިންމު އަމާޒަކަށް ކަމަށާއި ރެއާލްގެ އަތްދަށުނުވެ އެކަން ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ބަޔާން މި މެޗަށް ނުކުންނާނީ ބުންޑެސްލީގާގައި 4-1 އިން އެއިންޓްރެކްޓް ފްރެންކްފާޓް ބަލިކުރުމަށްފަހުއެވެ. އެ މެޗުގައި ޖަރުމަނުގެ ފޯވާޑް ސެންޑްރޯ ވެގްނަރ ލަނޑު ޖެހިއިރު އޭނާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ހެއިންކޭސް ބުނީ ލެވަންޑޯސްކީއާއެކު އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މެޗު ފެށުމުން އެކަން ވެގެންދާނެ ގޮތް އެންމެނަށް ވެސް ފެނިގެންދާނެ ކަމަށެވެ.
ޖަރުމަނު ބުންޑެސްލީގާގެ ތަށި ބަޔާންއިން ހޯދާފައިވާއިރު އެ ޓީމަށް ޖަރުމަނު ކަޕް ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ. އެހެން ނަމަވެސް މި ސީޒަނުގައި ރެއާލްއަށް ކާމިޔާބުކުރެވޭނެ ހަމައެކަނި މުބާރާތަކީ ޔުއެފާ ޗެމްޕިއަންސް ލީގެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 45:23 ގައެވެ.