ކ. މާލެ
|
1 މެއި 2018 | އަންގާރަ 10:33
ޑރ. ޢަލީ ޝަމީމު
ޑރ. ޢަލީ ޝަމީމު
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސާވިސްއަށް 10 އަހަރު
ސިވިލް ސާވިސްގެ 10 އަހަރުވި ކާމިޔާބުގެ ސިއްރަކީ މުއައްޒަފުން: ކޮމިޝަނުގެ ރައީސް
ސިވިލް ސާވިސްއަށް 10 އަހަރު ފުރުނީ މިއަދު

ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބުގެ ސިއްރަކީ މި ޚިދުމަތުގެ އަހުލުވެރިން ކަމުގައިވާ ހިންގުންތެރި، ހީވާގި އަދި ޒިންމާދާރު ސިވިލް ސަރވިސް މުވައްޒަފުން ކަމުގައި އެކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވެއްޖެއެވެ.

ސިވިލް ސާވިސް ދުވަހާ ގުޅުވައިގެން ޑރ. އަލީ ޝަމީމު ދެއްވި ޚިތާބުގައި ވިދާޅުވީ މިއަދަކީ، ދިވެހި ސިވިލް ސަރވިސް މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި ކާމިޔާބުކަމާ އެކު ހިނގަމުން އަންނަތާ 10 އަހަރު ފުރޭ ތާރީޚީ އަދި އުފާވެރި މުނާސަބަތު ކަމަށެވެ. މި އުފާވެރި މުނާސަބަތުގައި އެންމެހާ ލޮބުވެތި ސިވިލް ސަރވިސް މުވައްޒަފުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ތަހުނިޔާ އާއި މުބާރިކްބާދީ އަރިސްކުރާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޤައުމު ބިނާކުރުމުގައި އެންމެ ބޮޑު ބައިވެރިޔާގެ ގޮތުގަ އާއި ސަރުކާރު ހިންގުމުގެ އިންޖީނުގެ ގޮތުން، ފާއިތުވެދިޔަ އަހަރުތަކުގައި ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަކަށް، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ޚިދުމަތްތައް ދެމުން ގެންދެވިފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ މިންނެތް މަސައްކަތުންނާއި އަގުހުރި ޚިދުމަތުގެ ސަބަބުން ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކުރިމަގުގައި ތަރައްޤީގެ އައު އުސްމިންތަކަކަށް ދެވެން އޮތީ ވެސް، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން އާ އަޒުމްތަކާ އެކު އާ ލަނޑުދަނޑިތަކެއް ހާޞިލްކުރުމަށް ކަމަށާއި ހިތްވަރާއެކު ނުގުޑާ ފަދަ އަޒުމެއްގައި މަސައްކަތްކުރާތީ ދިވެހި ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

"ދިވެހި ސިވިލް ސަރވިސްއަށް ކާމިޔާބުކަމާއެކު 10 އަހަރު ކަޑައްތުކުރެވިފައި ވަނީ، ދިވެހި ދައުލަތުގެ އިތުރު އެތަކެއް ފަރާތްތަކެއްގެ ފުރިހަމަ ތަރުޙީބާއި އެއްބާރުލުމާއި އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދިވެހި ސިވިލް ސަރވިސްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ ވަޒީރުންނާއި، ޒިންމާދާރު އިސްވެރިންނާއި ޒިންމާދާރުވެރިންނަށް އަދި އެންމެހާ ޚިދުމަތްތެރިންނަށް ވެސް ޝުކުރު ދަންނަވަމެވެ. މި ޝުކުރުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ އަދި މިހާރުގެ ހުރިހާ މެންބަރުންނާއި މުވައްޒަފުން ވެސް ޝާމިލުކުރަމެވެ." ޑރ.އަލީ ޝަމީމު ދެއްވި ޚިތާބުގައި ވެއެވެ.

ދިވެހި ސިވިލް ސަރވިސްގެ ފާއިތުވެދިޔަ 10 އަހަރުގެ ކާމިޔާބީތަކުގެ ގޮތުގައި ޚިދުމަތްދޭ މާހައުލަކީ ޚިދުމަތް ލިބިގަންނަ ރައްޔިތުންނާ ރައްޓެހި، ގުޅޭ މާހައުލަކަށް ހެދުމާއި، ޚިދުމަތްދިނުމަށް ތިބި ޚިދުމަތްތެރިންނަކީ ރައްޔަތުން އެދޭ ފަދަ ފުރިހަމަ ޚިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތްދޭ އިދާރާތަކަށް ނުގޮސް، ގޭގައި ތިބެގެން ޚިދުމަތް ލިބިދެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވިފައިވާކަން ވަނީ އެ ބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައެވެ.

ސިވިލް ސަރވިސްގެ ކުރިމަގު އުޖާލާކުރުމުގެ ގޮތުން، ކުރިމަގުގައި ސިވިލް ސަރވިސްގެ ސިޔާސަތުތަކާއި އުޞޫލުތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ޤާނޫނާއި ގަވާއިދުތައް ހަރުދަނާކޮށް ހިންގުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިސްރާފު ކުޑަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން އިތުރަށް ހިފައި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްކޮށް ލުއިފަސޭހަ ގޮތެއްގައި ދިނުމަށް އިސްކަން ދިނުމާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު އިތުރަށް ރަނގަޅުކޮށް، މަސައްކަތުގެ ރޫހު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް