ސަރުކާރަށް ނިސްބަތްވާ ބޭފުޅުން މާބޮޑަށް ދީން ހިމާޔަތް ކުރާވާހަކަ މިހާރު ދެއްކި ނަމަވެސް އިންތިޚާބު ކައިރިވާއިރު އެވާހަކަ ދެއްކުން ހުއްޓާލާނެ ކަމަށާއި އެވަރުގެ ކާޑެއް ކުޅޭނެ ކަމަށް އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ މުޤައްރިރު ޢަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޯމަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ނިޒާރު ވިދާޅުވީ އަދާލަތު ޕާޓީން އިސްލާމްދީނުގެ ވާހަކަ ދައްކާނީ ދީނުގެ އިލްމުވެރިން ކަމަށެވެ. ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ވާހަކަ ދައްކާނީ އެކަމުގެ މީހުން ކަމަށާއި އިޤްތިސާދީ ވާހަކަ ދައްކާނީ އެކަމުގެ މާހިރުން ކަމަށެވެ.
ނަޒީރު ވިދާޅުވީ ކިތައްމެ ވަރަކަށް ސަރުކާރުގެ ބޭފުޅުން ދެއްކިނަމަވެސް އިސްލާމްދީނުގެ މޮނޮޕޮލީއަކީ އެއްވެސް ޕާޓީއަކަށް ނެގޭނެ އެއްޗެއް ނޫން ކަމަށެވެ.
"އެހެން ބަޔަކު ވެރިކަމަށް އައްޔާ އިސްލާމްދީނެއް ނޯންނާނެޔޭ އެހެނެއް ނުކިޔޭނެ. ޔާމީން ވެރިކަމުގައި ނެތަސް އިސްލާމްދީން ހިމާޔަތްވެ އޮންނާނެ. އިންތިޚާބުގެ ކުރިން އެބަފެނޭ ދީނުގެ ވާހަކަތައް ރައީސް ޔާމީން އާއި ސަރުކާރުގެ ބޭފުޅުން ދީނުގެ ވާހަކަ ހުއްޓާލާނެ. އެކާޑު އެބައޮތް އަދި އެކާޑު ކުޅޭނަން" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ދީނުގެ ވާހަކަ ދައްކާއިރު ދީނުގައި އެންމެ ބޮޑަށް ހަރާމް ކުރައްވާފައިވާ ކަންތައްތައް ކަމުގައިވާ ވައްކަންކުރުމާއި ނާއިންސާފުން ކަންކަން ކުރުން އިންތިހާއަށް ގޮސްފައިވާ ކަމަށެވެ. އެކަންކަން ކުރަމުން ދީނުގެ ވާހަކަ ނުދެއްކޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.