ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވޯޓުލާން ފަސޭހަ ކެންޑިޑޭޓެއް ވަގުތު އޮއްވައި ދައްކާނެ ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއަރ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޯމަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަލީ ނަޒީރު ވިދާޅުވީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް މިހާރު އެކުލަވާލާފައިވާ ޕާޓީތަކުގެ ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުން ކަމަށާއި އެކޮމެޓީން މީޑިއާއަށް މައުލޫމާތު ހާމަކުރާނެ ކަމަށެވެ.
އެކޮމެޓީގެ މަސައްކަތް ބާރަށް ކުރިއަށް އެބަދާ ކަމަށާއި ވަގުތު އޮއްވާ ރައްޔިތުންނަށް ވޯޓުދޭން ފަސޭހަ ކެންޑިޑޭޓެއް ގުޅިފައިވާ ޕާޓީތަކުން ދައްކާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.
" ވަގުތު ފާއިތު ނުވަނީސް ވޯޓު ދޭން ފަސޭހަ ކެންޑިޑޭޓެއް ދައްކާނަން. އެމިސްރާބަށް ކޮމެޓީގެ މަސައްކަތް ހުރީ،" ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ވޯޓު ދޭން ފަސޭހަ ކެންޑިޑޭޓަކު ނެރެން އަދާލަތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ރައްޔިތުންނަށް ފަސޭހަ ކެންޑިޑޭޓަކަށް ހަދާނެ ކަމަށެވެ. ކޮންމެ ޕާޓީއެއްވެސް އެޕާޓީއެއް ކުރިއެރުން ބޭނުންވާނެ ކަމަށާއި އެހެންނަމަވެސް އެކަންކަން އެއްފަރާތްކޮށް، ގުޅިފައިވާ ޕާޓީތަކުން ބަލާނީ ވަކި ޕާޓީއެއްގެ 'ފެވަރިޓަކަށް' ނޫންކަމަށް ނަޒީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ޕާޓީތަކުން އިސްކަންދޭނީ ރައްޔިތުންނަށް ފަސޭހަ ކެންޑިޑޭޓަކަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީތަކުގެ ގުޅުން އިންތިޚާބާ ކައިރިވާއިރު އެގޮތުގައި އޮންނާނެތޯ ސުވާލު ކުރުމުން ނަޒީރު ވިދާޅުވީ ކޮންމެ ޕާޓީއަކީވެސް ތަފާތު ޕާޓީއެއްކަމަށް އިންކާރު ނުކުރައްވާ ކަމަށާއި ވާދަވެރިވާން ޖެހޭ ހިސާބުތަކުގައި ވާދަވެރިވާނެ ކަމަށެވެ. އެހެންނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ ގުޅުމަށް ބުރޫ އަރާވަރަކަށް އެވާދަވެރިކަމެއް ފުޅާވެގެނެއް ނުދާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ދާދިފަހުން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާއަށް އިޝަރާތް ކުރައްވާ ނަޒީރު ވިދާޅުވީ ރަސްދޫއިންނާއި އެހެނިހެން ދަތުރުތަކުންވެސް ހާމަވާ ޙަޤިގަތަކީ އަބްދުﷲ ޔާމީނަށް ކުރިއަށްއޮތް އިންތިޚާބު ކާމިޔާބު ކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން ކަމަށެވެ.
"ގުޅިފައިވާ ޕާޓީތަކުން ދައްކާ ކެންޑިޑޭޓް ވާނެ ރައްޔިތުންނަށް ހިތްހަމަޖެހިގެން ފަސޭހަކަމާއެކު ވޯޓު ލެވޭ ކެނޑިޑޭޓަކަށް. ކޮންމެ ފިކުރެއްގެ ކޮންމެ ރައްޔިތަކަށް ވޯޓުދޭން ފަސޭހަވާނެ." ނަޒީރު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބާއްވަން އުޅޭ ބައި އިލެކްޝަނާ ގުޅޭގޮތުން ނަޒީރު ވިދާޅުވީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި އެންމެ މުހިއްމު ކަމަކަށް ބަލަނީ 1 ފެބްރުއަރީގެ އަމުރު ކަމަށެވެ. އެކި އިރު ނެރެފައިވާ އަމުރުތަކަކުވެސް 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަކަށް ނެތްކަމަށާއި 1 ފެބްރުއަރީގެ އަމުރުގައި ގޮނޑި ނުގެއްލޭކަމަށް ސާފުކޮށް ބުނާ ކަމަށް ނަޒީރު ވިދާޅުވިއެވެ.