ކ. މާލެ
|
1 މެއި 2018 | އަންގާރަ 02:12
ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން ފޯމް ދޫކުރާނެ
ހިޔާ މަޝްރޫއުގެ ދަށުން 12 ކެޓަގަރީއަކުން ފޯމް ދޫކުރާނެ
އަޒުމޫން އަހުމަދު
ހިޔާ މަޝްރޫއު
ފްލެޓަށް އެދުމުގެ ފޯމް މެއި މަހުގެ 6 ގައި ދޫކުރަނީ
މިނިސްޓަރ ވިދާޅުވީ 12 ކެޓަގަރީއަކުން ފޯމު ދޫކުރާނެ ކަމަށް
އިތުރު މައުލޫމާތު ހާމަކުރާނީ މެއި 6 ގައި

ހިޔާގެ މަޝްރޫއުގެ 12 ކެޓަގަރީއަށް މެއިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ފޯމު ދޫކުރަން ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއިން ފްލެޓްތަކަށް ފޯމް ދޫކުރަން މެއި މަހުގެ 6 ވަނަ ދުވަހު ފައްޓަވާނެ ކަމަށެވެ. ފޯމް ދޫކުރުން އޮންނާނީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަމަށް ޚާއްޞަ ކޮށްގެން އެ މާލަން ތައްޔާރުކުރަމުންދާ ކަމަށާއި އިތުރު މައުލޫމާތު މެއި 6 ގައި އޮންނަ ލައިވް ޕްރެސް ކޮންފަރެންސެއްގައި ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރ މުއިއްޒުގެ ޓްވީޓުގައި ވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރަމުންދާ 6000 ހައުސިން ޔުނިޓް ދޭނެ ކެޓަގަރީތަކަކީ:

  • އުމުރުން 18 އަހަރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް 1000 ފުލެޓް
  • މާލެ ދަފްތަރުގައި ނުހިމެނޭ މާލޭގެ ރަށްވެހިންނަށް 1000 ފުލެޓް
  • މާލެ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް 1044 ފުލެޓް
  • ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފުލެޓް
  • ޓީޗަރުންނަށް 625 ފުލެޓް
  • އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފުލެޓް
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފުލެޓް
  • ފުލުހުންނަށް 300 ފުލެޓް
  • ސިފައިންނަށް 300 ފުލެޓް
  • މާފަންނު ހުޅަނގުގައި ދިރިއުޅޭ ނިކަމެތި އާއިލާތަކަށް ޚާއްސަ 256 ފުލެޓް
  • ރައީސް ނަޝީދުގެ ވެރިކަމުގައި ކ. ގުޅީފަޅުން ފުލެޓް ގަތުމަށް ފައިސާ ދެއްކި ނަމަވެސް ފުލެޓް ނުލިބުނު މީހުންނާއި ގާކޮށި އަރަބިއްޔާގައި ހުރި ޓާޓާ ފުލެޓްތައް ލިބި، ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މާލީ ތަނަވަސްކަން ނެތް މީހުން ހިމެނޭ ގޮތަށް 300 ފުލެޓް

މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓް ދޭންވެސް ވަނީ ނިންމާފައެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވެފައިވަނީ މިއަހަރުގެ އޮގަސްޓްމަހުގެ ކުރިން ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅުއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް