ސްވިޑެންގައި މިހާރު ކުޅެމުންދާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗު ރާއްޖެއަށް ލިބިއްޖެއެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއަށް ލިބުނީ ބަންގްލަދޭޝްގެ ކުޅުންތެރިން މެޗު ކުޅުމަށް ހާޒިރު ނުވުމާއި ގުޅިގެންނެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗަކަށް ޓީމެއް ހާޒިރު ނުވެއްޖެނަމަ އިދިކޮޅު ޓީމަށް 3-0 ގެ ނަތީޖާއަކުން މެޗު ލިބޭނެއެވެ. އެހެންކަމުން މި މެޗުން ރާއްޖެ މޮޅުވީ 3-0 އިންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމު ވަނީ ދެވަނަ މެޗުގައި 3-0 އިން ވޭލްސް އަތުން ބަލިވެފައެވެ.
ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗާއެކު ރާއްޖޭގެ ޓީމުގައި ހިމެނޭ ދީމާ ވެގެންގޮސްފައި ވަނީ މިއަހަރުގެ މުބާރާތުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މި މުބާރާތުގައި ރާއްޖެ ވާދަކުރަނީ އަންހެން ތިންވަނަ ޑިވިޝަނުގެ ޓީމް އިވެންޓުގައެވެ. މި ކެޓަގަރީގައި ރާއްޖޭގެ އިތުރުން 72 ގައުމަކުން ވާދަކުރެއެވެ. ރާއްޖޭ ހިމެނޭ ގްރޫޕުގައި ހިމެނޭ ޓީމުތަކަކީ ނޯވޭ އާއި ވޭލްސް އާއި ސްރީލަންކާގެ އަދި ބަންގްލަދޭޝް އާއި ބޮސްނިއާއެވެ.
މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސްވިޑެންގެ ހެމްސްޓެޑްގައި ބާއްވާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމުގައި ހިމެނެނީ ތިން ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި އުވާން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އަދި ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދުއެވެ. މި ކުޅުންތެރިންގެ ކޯޗެއްގެ ގޮތުގައި މި މުބާރާތުގައި އެ ކުޅުންތެރިންނަށް އިރުޝާދު ދޭނީ މުހައްމަދު ޔާސިރުއެވެ. ހަމައެހެންމެ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބް ރައީސާ ޒުލައިހާ އިބްރާހިމްއެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމުން އަންނަނީ ފަހަކަށް އައިސް ބާއްވާ މުބާރާތްތަކުން ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.