ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައަށް އަވަހަށް ގޮތެއް ނިންމައި ދެއްވުމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ކިބައިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދެފިއެވެ.
ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް ހަސަން ލަތީފް ވިދާޅުވީ ހާލަތުއް ޟަރޫރާ ހަގީގަތުގައި މެދުވެރިވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ 12 މެމްބަރުންނާއި ނުލައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހިފައި އޮތުމުން ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގައި ވާގޮތުމުގެ މަތިން ސްޕްރީމް ކޯޓުން އެ ބާރަ މެމްބަރުންގެ މައްސަލަތައް ނިންމައި ދެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެދޭ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެދެން ބޭނުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިނބައިން، ސްޕްރީމް ކޯޓުގެ ކިބައިން، ރައްޔިތުންގެ މަޖިލީހުގެ ބާރަ މެމްބަރުން ހުށަހަޅާފައިވާ މައްސަލަ، އަވަހަށް ބައްލަވާ ނިންމަވައިދެއްވާށޭ" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް ބޭއްވުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެންޓިޑިފެކްޝަން ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު އެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުގެ ގާނޫނީ ވަކީލުންގެ ޓީމުން ލަފާ ދެއްވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސެއިން ރަޝީދު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިސްކޮށް ހުންނަވައިގެން އެ ދާއިރާތަކުގެ ބައިއިލެކްޝަން ބޭއްވުމަށް ކުރަން ފަށާފައިވާ މަސައްކަތަކީ ސިޔާސީ ޖަރީމާއެއް ކަމަށެވެ.
ރައީސް މައުމޫން ފެކްޝަންގެ ފަރާތުން އައިމިނަތު ނާދިރާ ވިދާޅުވީ ސްޕްރީމް ކޯޓުން މިއަދާ ހަމައަށް ނެފައިވާ ހުރިހާ ހުކުމަކުން ވެސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކޮށް އިނގޭކަމަށެވެ. އެހެންކަމުން އެ މެމްބަރުންނަން އެއް ވެސް ހުރަހަކާއި ނުލައި މަޖިލީހަށް ވަދެވެން ޖެހޭނެ ކަން ނާދިރާ ފާހަގަކުރެއްވިއެވެ.
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު ސިދާތާ ޝަރީފް ވިދާޅުވީ ގާނޫނު އަސާސީ އާއި ހިލާފަށް ކިތަންމެ ކަމެއް ކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ނަމަވެސް މަޖިލީހުގެ މެޖޯރިޓީއެއް ސަރުކާރަށް ދެން ނުލިބޭނެ ކަމަށެވެ.