ލިވަޕޫލް އާއެކު ހަދާފައިވާ އެއްބަސްވުން އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އާކޮށްފިއެވެ.
ފިރްމީނޯ ލިވަޕޫލްއާއެކު ސޮއިކޮށްފައިވާ ކޮންޓްރެކްޓްގެ މުއްދަތު އެ ޓީމުން ހާމަކޮށްފައިނުވާއިރު އެ ޓީމުން ބުނެފައިވަނީ އޭނާ ސޮއިކޮށްފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި ކަމަށެވެ. ޖަރުމަނުގެ ހޮފެންހައިމް ދޫކޮށް 2015 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވި ފަހުން ފިރްމީނޯ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ޕްރިމިއާ ލީގުގައި އަދި އެހެނިހެން މުބާރާތްތަކުގައި ވެސް އޭނާ އަންނަނީ އެ ޓީމަށް ގިނަ ލަނޑުތަކެއް ޖަހައިދެމުންނެވެ. އުމުރުން 26 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގެ މިހާތަނަށް ވެސް 27 ލަނޑު ލިވަޕޫލްއަށް ޖަހައިދީފައެވެ. މި ސީޒަނަކީ އެއް ސީޒަނެއްގައި އޭނާ އެންމެ ގިނަ ލަނޑު މިހާތަނަށް ޖަހާފައިވާ ސީޒަނެވެ.
ކޮންޓެރެކްޓައި ސޮއިކުރުމަށް ފަހު ލިވަޕޫލްގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ފިރްމީނޯ ބުނެފައިވަނީ އޭނާއާއެކު ލިވަޕޫލްއަށް ކުޅެމުން އަންނަނީ ވަރަށް މޮޅު ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ޓީމުގެ ކުޅުންތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށާއި ކޮންމެ މެޗެއްގައި ވެސް އެންމެ މޮޅު ކުޅުން ދެއްކުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
ފިރްމީނޯ ބުނީ އޭނާ މިވަގުތު ހުރި ހިސާބަށް އައުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ކޯޗު ޔާގެން ކްލޮޕް ކަމަށާއި އޭނާގެ އިރުޝާދުގެ ދަށުން މުޅި ޓީމު ވެސް އެހެން ހަރުފަތަކަށް އައިސްފި ކަމަށް ގަބޫލުކުރާ ކަމަށެވެ. ފިރްމީނޯ ބުނީ މި ސީޒަނަކީ އޭނާއަށް އެންމެ ކާމިޔާބު ސީޒަން ކަމުގައި ދެކޭ ކަމަށާއި ކުރިޔަށް އޮތް ސީޒަނަކީ މި ސީޒަނަށް ވުރެ ރަނގަޅު ސީޒަނަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ލިވަޕޫލްގެ ސަޕޯޓަރުންނާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ފިރްމީނޯ ބުނީ އެ ޓީމުގެ ސަޕޯޓަރުންނާއި އޭނާއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި ޓީމުގައި ތަފާތު ދެއްކެނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމާއެކު ކަމަށެވެ. ފިރްމީނޯ ބުނީ އޭނާއަށް އެންމެ މުހިންމު ކަމަކީ ޓީމާއެކު ތަށި ކާމިޔާބުކުރުން ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެ ހިސާބަށް ވާސިލްވެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ފިރްމީނޯގެ މޮޅު ކުޅުމާއެކު ލިވަޕޫލްއިން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ. އެގޮތުން ފުރަތަމަ ލެގުގައި އެ ޓީމުން ވަނީ އިޓަލީގެ ރޯމާ 5-2 އިން ބަލިކޮށްފައެވެ. ހަމައެހެންމެ ޕްރިމިއާ ލީގުގެ ތިންވަނައިގައި އެ ޓީމު އޮތްއިރު ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ވަނީ ގާތްގަނޑަކަށް ޖާގައެއް ކަށަވަރުވެފައެވެ.
ފިރްމީނޯ ވަނީ ލިވަޕޫލާއި ގުޅުނު ފަހުން އެ ޓީމަށް ކުޅުނު 140 މެޗުގައި 50 ލަނޑު ޖަހާފައެވެ. ފިރްމީނޯ އަންނަނީ ބްރެޒިލްގެ ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ހޯދަމުންނެވެ.