ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 18:49
ނަޑާލް ބާސެލޯނާ އޯޕެންގެ 11 ވަނަ ތައްޓާއެކު
ނަޑާލް ބާސެލޯނާ އޯޕެންގެ 11 ވަނަ ތައްޓާއެކު
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއާ
ބާސެލޯނާ އޯޕެންގެ ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ނަޑާލް ހޯދައިފި
ނަޑާލް ވަނީ ފައިނަލުގައި ސްޓެފާނޯސް ސްޓިޕިއާސް ސީދާ ދެ ސެޓުން ބަލިކޮށްފައި
ނަޑާލް ވަނީ ކްލޭ ކޯޓުތަކުގައި އޭނާގެ ކެރިއަރުގައި 55 މުބާރާތް ކާމިޔާބުކޮށްފައި

ސްޕެއިންގެ ބާސެލޯނާގައި ކުރިޔަށް ދިޔަ އޭޓީޕީ ބާސެލޯނާ އޯޕެން ޓެނިސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 11 ވަނަ ފަހަރަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ހޯދައިފިއެވެ.

ނަޑާލް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދުނިޔޭގެ 63 ވަނައިގައި ރޭންކް ކުރެވިފައިވާ ގްރީސްގެ ސްޓެފާނޯސް ސްޓިޕިއާސް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އުމުރުން 19 އަހަރުގެ ސްޓެފާނޯސްއާ ދެކޮޅަށް ކުޅުނު މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-2 އަދި 6-1 އިންނެވެ.

ނަޑާލް ފައިނަލަށް ދަތުރު ކުރީ ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި މިވަގުތު އޮތް ބެލްޖިއަމްގެ ޑޭވިޑް ގޮފިން ސީދާ ދެ ސެޓުން ބަލި ކޮށްގެންނެވެ. ހަމައެހެންމެ ސްޓެފާނޯސް ފައިނަލަށް ދަތުރު ކުރީ ސެމީގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.

މި މެޗަށް ފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ މެޗެއް ކަމަށާއި މިފަދަ ކާމިޔާބު ކެރިއަރެއް އޭނާއަށް ލިބޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ކްލޭ ކޯޓުގައި ކުޅެން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށާއި ހުރިހާ އަހަރުތަކެއްގައި ވެސް އޭނާއަށް ލިބެމުންދާ ސަޕޯޓަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

މި މޮޅާއެކު ނަޑާލް ވަނީ ޖެހިޖެހިގެން 19 މެޗު ކްލޭ ކޯޓުތަކުގައި ކާމިޔާބު ކޮށްފައެވެ. އޭނާ މި މެޗުތައް ކާމިޔާބުކުރިއިރު އިދިކޮޅުން ކުޅުނު އެއްވެސް ކުޅުންތެރިޔަކަށް ސެޓެއް ވެސް ގެންދެވިފައެއް ނުވެއެވެ. އެގޮތުން ނަޑާލް ވަނީ ކްލޭ ކޯޓުތަކުގައި ޖެހިޖެހިގެން 46 ސެޓު ކާމިޔާބު ކޮށްފައެވެ.

މިއީ އޯޕެން އެރާގެ ރެކޯޑަކަށް ވާއިރު މި މެޗު ވެގެންގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ކްލޭ ކޯޓުތަކުގައި ކާމިޔާބުކުރި 401 ވަނަ މެޗަށެވެ. އުމުރުން 31 އަހަރުގެ ނަޑާލް ވަނީ މި މުބާރާތް 11 ފަހަރު ކާމިޔާބު ކޮށްފައެވެ. މިއަދަދަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މި މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަޑާލް ވަނީ ކްލޭ ކޯޓުތަކުގައި އޭނާގެ ކެރިއަރުގައި 55 މުބާރާތް ކާމިޔާބުކޮށްފައެވެ.

ސްޓެފާނޯސް ވެގެންގޮސްފައިވަނީ 2005 ވަނަ އަހަރު ނަޑާލް މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ފަހުން މި މުބާރާތުގެ ފައިނަލުގައި ވާދަކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފައިނަލް މެޗުން ބަލިވި ނަމަވެސް ސްޓެފާނޯސް ވެގެންދާނީ ދެން ނެރޭ އޭޓީޕީ މެންސް ރޭންކިންގައި ދުނިޔޭގެ ގަދަ 50 ގައި ހިމެނޭނެ ގްރީސްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ހަމައެހެންމެ ނަޑާލް ވަނީ މި މޮޅާއެކު ދުނިޔޭގެ އެއްވަނަ މަގާމު ދިފާއުކޮށްފައެވެ. އޭނާއަށް މި މުބާރާތުގެ ތަށި ނުލިބުނު ނަމަ އަންނަ މަހު ނެރޭ ރޭންކިންގައި އެއްވަނަ މަގާމު ލިބޭނީ ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާއަށެވެ.

- ކޮމެންޓް