ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 12:31
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަައް
ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަައް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލޭ ދެވަނަ ފިިޔަވަހި
ކަނޑައެޅި ތާރީޚަށް ވުރެ، އަހަރެއް ފަހުން ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުތައް ނިންމައިފި
އެ މަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުންނާނެ
ޓްރެފިކް ނިޝާންތައް ކުރެހުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމާލެވިއްޖެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ތާރު އަޅައިގެން ހަދާފައިވާ އެ މަގުތައް ބޭނުން ކުރެވޭ ފެންވަރަށް ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މި މަސައްކަތް ނިންމާލެވިފައި މިވަނީ ނިންމަން ހަވާލުކުރި މުއްދަތު ހަމަވިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ 40.3 މިލިއަން ޑޮލަރު (621.4 މިލިއަން ރުފިޔާ) އަށް އޮކްޓޯބަރު 28، 2015ގަ އެވެ. އޭރު ބުނީ އެ މަސައްކަތް 18 މަސް ތެރޭގައި ނިންމާނެ ކަމަށެވެއެ މަގުތަކުގެ މަސައްކަތް ނިމުމަކީ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ދެ ވަނަ ފިޔަވަހީގައި ތާރު އަޅައިގެން ހެދި އެ މަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުންނާނެއެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކައި އެ ރަށާ އިންވެގެން އޮތް ފަރުކޮޅުފުއްޓާ ވަނީ ގުޅުވާލައިފައެވެ. އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކުރިން ވިދާޅުވެފައި ވަނީ އެ މަސައްކަތް ނުނިމި ލަސްވީ އެ ޕްރޮޖެކްޓަށް ބޭނުންވާ ލޯނު އިންޑިއަން އެގްޒިމް ބޭންކުން ހަމަޖައްސަން ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ މަގުތައް ހެދުމަށް، އެޗްޑީސީން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 34.3 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ)ގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް