ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 06:33
ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ލަނޑު ޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ ރެކޯޑުތައް މުގުރުމާއި ދިމާލަށް
ސިޓީ ވަނީ 4-1 އިން ވެސްޓް ހަމް ބަލިކޮށްފައި
ކުރިޔަށް އޮތް މެޗުގައި ސިޓީއަށް ގިނަ ރެކޯޑުތަކެއް މުގުރާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި

އިނގިރޭސި ޕްރިމިއާ ލީގުގައި އެއް ސީޒަނެއްގައި ހަދާފައިވާ ރެކޯޑުތައް މުގުރުމާއި ދިމާލަށް މި ސީޒަނުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީއިން މިސްރާބް ޖަހައިފިއެވެ.

ސިޓީއިން ވަނީ ރަށުން ބޭރުގައި ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ސިޓީގެ ދަނޑުގައި ކުޅުނު މެޗު ވެސް 2-1 އިން ކާމިޔާބުކުރީ ސިޓީއެވެ. ރެލިގޭޝަނާއި ހަނގުރާމަކުރަމުންދާ ވެސްޓް ހަމްއަށް މި މެޗު ވެގެންދިޔައީ މޮޅުވާން މުހިންމު މެޗަކަށެވެ. ހަމައެހެންމެ މި މެޗު ވެގެންދިޔައީ ޕްރިމިއާ ލީގުގެ ރެކޯޑުތައް މުގުރާލުމަށް ސިޓީއަށް ލިބިގެންދިޔަ ބޮޑު ފުރުސަތުތަކަށެވެ. އެހެންކަމުން މި މެޗަށް ދެ ޓީމުން ވެސް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު އެ ޓީމަށް ލީޑު ނަގައިދިނީ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ލެރޯއި ސާނޭއެވެ. އެ ޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ވެސްޓް ހަމްގެ ޕަބްލޯ ޒަބަލެޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހަމްއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ މެޗުގެ 42 ވަނަ މިނެޓުގައި އާރޮން ކްރެސްވެލް ހިލޭ ޖެހުމަކުން ޖަހައިދިން ލަނޑާއެކުއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި  އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖީސަސްއެވެ. ހަމައެހެންމެ އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ޖަހައިދިނީ ފަނާންޑިނިއޯއެވެ.

މި މެޗުގައި ޖެހި ލަނޑުތަކާއެކު ސިޓީއިން ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް 102 ލަނޑު ޖަހާފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ މިހާތަނަށް މި ސީޒަނުގައި 30 މެޗު ކާމިޔާބުކޮށްފައެވެ. މި ދެ ރެކޯޑު ވެސް މިވަގުތު އޮތީ ޗެލްސީ އަތުގައި ކަމަށްވާއިރު ދެން އޮންނަ މެޗު ކާމިޔާބު ކޮށްގެން ޗެލްސީގެ ރެކޯޑުތައް ސިޓީއަށް މުގުރާލެވޭނެއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި ކުޅުނު 35 މެޗުން ލިބުނު 93 ޕޮއިންޓާއެކު އެއްވަނައިގައި ސިޓީ އޮތްއިރު ވެސްޓް ހަމް އޮތީ 35 ޕޮއިންޓާއެކު  ތާވަލުގެ 15 ވަނަ މަގާމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް