ކ. މާލެ
|
30 އޭޕްރިލް 2018 | ހޯމަ 06:33
މި މެޗުގައި ބާސާގެ ލަނޑުތައް ޖެހި މެސީ އަދި ކުޓީނިއޯ
މި މެޗުގައި ބާސާގެ ލަނޑުތައް ޖެހި މެސީ އަދި ކުޓީނިއޯ
ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ: މެސީގެ ހެޓްރިކާއެކު ޗެމްޕިއަންކަން ބާސާއިން ކަށަވަރުކޮށްފި
ބާސާއިން ޗެމްޕިއަންކަން ކަށަވަރުކުރީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިޔާއާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން
މިއީ ބާސާއިން ކާމިޔާބުކުރި 25 ވަނަ ލަލީގާ
އެ ޓީމުން ވަނީ ފާއިތުވެދިޔަ 10 ސީޒަނުގައި ހަތް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައި

ސްޕެނިޝް ލަލީގާގެ ބާސެލޯނާ ކުޅުނު މެޗުގައި ލިއޮނެލް މެސީ ހެދި ހެޓްރިކާއެކު ޗެމްޕިއަންކަން ބާސެލޯނާއިން ކަށަވަރުކޮށްފިއެވެ.

ބާސާއިން ޗެމްޕިއަންކަން ކަށަވަރުކުރީ ރަށުން ބޭރުގައި ޑިޕޯޓިވޯ ލަކަރޫނިޔާއާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗާއި ބާސާއިން ކުރިމަތިލީ މި މެޗު ކާމިޔާބުކޮށްގެން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ކަށަވަރުކުރެވޭނެ ކަމުގެ ޔަގީންކަމާއެކުއެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ބާސާގެ ދަނޑުގައި ކުޅުނު މެޗު 4-0 އިން ކާމިޔާބުކުރީ ވެސް ބާސާއެވެ. ބާސާއިން ވަރުގަދަ ފުރަތަމަ އެގާރައެއް މި މެޗުގައި ނެރުނުއިރު ޑިޕޯޓިވޯގެ ޓީމުން ފެނިފައިވަނީ އެންމެ ބަދަލެކެވެ. މި މެޗު ފެށުމުގެ ކުރިން ޑިޕޯޓިވޯގެ ކުޅުންތެރިން ވަނީ ބާސާގެ ކުޅުންތެރިންނަށް ގާޑް އޮފް އޮނަރ އެއް އަރުވާފައެވެ.

ފުރަތަމަ ހާފު ފެށިގެން ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން އެ ޓީމުން ވަނީ ޑިޕޯޓިވޯގެ ގޯލަށް ނުރައްކާކޮށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި ބާސާއިން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތަކުން ބާސާއަށް ލީޑު ނަގައިދިނީ ފިލިޕޭ ކުޓީނިއޯއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޑިޕޯޓިވޯއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ ބާސާގެ ލީޑު ފުޅާކޮށްދީފައެވެ. އެހެން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލޫކަސް ޕެރޭޒް ވަނީ ލަނޑެއް ޖަހާ ޑިޕޯޓިވޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ބާސާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ޑިޕޯޓިވޯއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޓީމުން ފުލުފުލުގައި އުފައްދަމުންދިޔަ ކައުންޓާ އެޓޭކުތަކުގެ ނަތީޖާއެއްގެ ގޮތުން އެމްރޭ ކޯލާކް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އެހެން ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހާ ބާސާއަށް އަލުން އަނބުރާ ލީޑު ނަގައިދީފައެވެ. މެސީ ވަނީ އޭގެ ތިން މިނެޓު ފަހުން ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ ބާސާގެ ތާރީހުގައި ވެސް އެ ޓީމުން ކާމިޔާބުކުރި 25 ވަނަ ލަލީގާއެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ފާއިތުވެދިޔަ 10 ސީޒަނުގައި ހަތް ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ޖެހި ތިން ލަނޑާއެކު މެސީ ވަނީ ޑިޕޯޓިވޯގެ ދަނޑުގައި 13 ލަނޑު ޖަހާފައެވެ. މި ސްޓޭޑިއަމް ވެގެންގޮސްފައިވަނީ މެސީ އެއް ސްޓޭޑިއަމެއްގައި އެންމެ ގިނަ ލަނޑު ޖެހި ސްޓޭޑިއަމްއަށެވެ. ހަމައެހެންމެ އޭނާ ވެގެންގޮސްފައިވަނީ ސްޕެނިޝް ލަލީގާގައި 30 ލަނޑަށްވުރެ ގިނައިން ހަތް ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ބާސާއިން ލަލީގާގެ ތަށި ކަށަވަރުކުރީ ކުޅުނު 34 މެޗުން ލިބުނު 86 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެޓްލެޓިކޯއަށް 35 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 71 ޕޮއިންޓެވެ. ހަމައެހެންމެ ހަތަރުވަނައިގައި އޮތް ވެލެންސިއާއަށް 34 މެޗުން ލިބިފައިވަނީ 66 ޕޮއިންޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް