އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރު ތާވަލުގެ އެއްވަނަ މަގާމުގައި އޮވެގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްއިން ނިންމާލައިފިއެވެ.
ތާވަލުގެ އެއްވަނަ މަގާމު ނިއުއިން ކަށަވަރުކުރީ 2-0 ގެ ނަތީޖާއަކުން ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ. މި މެޗުގައި ނިއުގެ ފުރަތަމަ އެގާރައިން ވަނީ ބޮޑު ބަދަލުތަކެއް ފެނިގެންގޮސްފައެވެ. އެގޮތުން އެ ޓީމުގެ ވައިސް ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) މެޗު ބެންޗުން ފެށިއިރު އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު ކަންޑޭލާ ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ފެނިފައެއް ނުވެއެވެ. ހަމައެހެންމެ އެ ޓީމުގެ ހަސަން އަދުހަމް (ސަޑޭ) ވަނީ މި ސީޒަނުގައި ފުރަތަމަ ފަހަރަށް އެ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.
ފުރަތަމަ ހާފު ފެށިގެން ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗު ފެށިގެން ފަސް މިނެޓު ނުވަނީސް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އަލީ ފާސިރް (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް ރިހާމް އަބްދުލް ޣަނީ (ބޮބީ) އެވެ. ނިއުގެ ދެވަނަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެގެން ނިއު ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްގޮތަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެހެން ނަމަވެސް މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ނަތީޖާއަށް އެއްވެސް ބަދަލެއް ގެނެވިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިއުގެ ފުރަތަމަ ލަނޑު ޖެހި ބޮބީއެވެ.
މި މޮޅާއެކު ނިއު އޮތީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ އޮތްއިރު ތިންވަނައިގައި ހަމަ 13 ޕޮއިންޓާއެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބްއެވެ. މާޒިޔާއަށް ޓީސީގެ މައްޗަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ގަދަ ހަތަރެއްގައި ދެން ހިމެނެނީ ވިކްޓްރީ ސްޕޯޓްސް ކްލަބްއެވެ. މާލޭ ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މޭ މަހުގެ ހަވަނަ ދުވަހުއެވެ.