ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިޔަށްދާ އޭޓީޕީ ބާސެލޯނާ އޯޕެން ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލުން ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ މަގާމުގައި މިވަގުތު އޮތް ރަފައޭލް ނަޑާލް ފައިނަލަށް ދަތުރުކުރީ ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި މިވަގުތު އޮތް ބެލްޖިއަމްގެ ޑޭވިޑް ގޮފިން ސީދާ ދެ ސެޓުން ބަލި ކޮށްގެންނެވެ. އޭނާ މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4 އަދި 6-0 އިންނެވެ.
ނަޑާލް ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި ދުނިޔޭގެ 140 ވަނައިގައި ރޭންކް ކުރެވިފައިވާ ސްލޮވާކިއާގެ މާޓިން ކައިޒާން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ.
ހަމައެހެންމެ މުބާރާތުގެ ފައިނަލުގައި ނަޑާލްއާ ދެކޮޅަށް ނުކުންނާނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕިއާސްއެވެ. ދުނިޔޭގެ 63 ވަނައިގައި ރޭންކް ކުރެވިފައިވާ ސްޓެފާނޯސް ފައިނަލަށް ދަތުރުކުރީ ސެމީގައި ފަސްވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-5 އަދި 6-3 އިންނެވެ.
އުމުރުން 19 އަހަރުގެ ސްޓެފާނޯސް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ދުނިޔޭގެ ހަތްވަނައިގައި ރޭންކް ކުރެވިފައިވާ ޑޮމިނިކް ތިއެމްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ.
މި މޮޅާއެކު ނަޑާލް ވަނީ ޖެހިޖެހިގެން 18 މެޗު ކްލޭ ކޯޓުތަކުގައި ކާމިޔާބު ކޮށްފައެވެ. އޭނާ މި މެޗުތައް ކާމިޔާބުކުރިއިރު އިދިކޮޅުން ކުޅުނު އެއްވެސް ކުޅުންތެރިޔަކަށް ސެޓެއް ވެސް ގެންދެވިފައެއް ނުވެއެވެ. އެގޮތުން ނަޑާލް ވަނީ ކްލޭ ކޯޓުތަކުގައި ޖެހިޖެހިގެން 44 ސެޓު ކާމިޔާބު ކޮށްފައެވެ. މިއީ އޯޕެން އެރާގެ ރެކޯޑަކަށް ވާއިރު މި މެޗު ވެގެންގޮސްފައިވަނީ އޭނާގެ ކެރިއަރުގައި ކްލޭ ކޯޓުތަކުގައި ކާމިޔާބުކުރި 400 ވަނަ މެޗަށެވެ. އުމުރުން 31 އަހަރުގެ ނަޑާލް ވަނީ މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައެވެ.
ސްޓެފާނޯސް ވެގެންގޮސްފައިވަނީ 2005 ވަނަ އަހަރު ނަޑާލް މި މުބާރާތުގެ ފައިނަލުގައި ވާދަކުރި ފަހުން މި މުބާރާތުގެ ފައިނަލުގައި ފެންނާނެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ފައިނަލް މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ސްޓެފާނޯސް ވެގެންދާނީ ދެން ނެރޭ އޭޓީޕީ މެންސް ރޭންކިންގައި ދުނިޔޭގެ ގަދަ 50 ގައި ހިމެނޭނެ ގްރީސްއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ދުނިޔޭގެ އެއްވަނަ މަގާމު ދިފާއު ކުރުމަށް ނަޑާލް ބާސެލޯނާ އޯޕެން ކާމިޔާބު ކުރަންޖެހެއެވެ. އޭނާއަށް މި މުބާރާތް ކާމިޔާބު ނުކުރެވިއްޖެނަމަ އަންނަ މަހު ނެރޭ ރޭންކިންގައި އެއްވަނަ މަގާމު ލިބޭނީ ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާއަށެވެ.