ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 17:21
ޔުވެންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުވެންޓަސްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: ފަހު ވަގުތު ހިގުއައިން ޖެހި ލަނޑުން ޔުވެންޓަސް މޮޅުވެއްޖެ
ޔުވެންޓަސް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން
މި މެޗުން ޔުވެންޓަސް ބަލިވިނަމަ އެ ޓީމަށް ތާވަލުގެ އެއްވަނަ މަގާމު ގެއްލޭނެ

އިޓާލިއަން ސެރީއޭގައި އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ގޮންޒާލޯ ހިގުއައިން ފަހު ވަގުތު ޖެހި ލަނޑުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި، އިންޓަގެ ސްޓޭޑިއަމް ކަމަށްވާ ސެން ސީރޯގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ސީޒަނުގެ ކުރީކޮޅު ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. މި މެޗާއި އިންޓަ ކުރިމަތިލީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ޖާގައެއް ހޯދުމުގެ އުއްމީދުގައެވެ. ހަމައެހެންމެ މި މެޗުން ޔުވެންޓަސް ބަލިވިނަމަ އެ ޓީމަށް ތާވަލުގެ އެއްވަނަ މަގާމު ގެއްލޭނެއެވެ. އެހެންކަމުން ދެ ޓީމުން ވެސް މި މެޗަށް ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.

ފުރަތަމަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިނީ ޑަގްލަސް ކޮސްޓާއެވެ. މި މެޗުގައި އިންޓައަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ވެސީނޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމާއެކުއެވެ. މި ކާޑު ދައްކާފައިވަނީ ވީޑިއޯ ރެފްރީ މެދުވެރިކޮށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔުވެންޓަސްއިން އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ލަނޑެއްގެ ގޮތުގައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޔުވެންޓަސްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އިންޓައިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން މައުރޯ އިކާޑީއެވެ. އިންޓައިން ވަނީ މެޗުގެ ލީޑު 65 ވަނަ މިނެޓުގައި ނަގާފައެވެ. އެ ޓީމަށް ލީޑު ލިބިގެންދިޔައީ ޔުވެންޓަސްގެ ބަރްޒަގާލީ އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ.

މި ލަނޑުތަކައް ފަހު ޔުވެންޓަސްއިން އެ ޓީމުގެ ކުޅުން ވަރުގަދަކުރިއިރު އެ ޓީމަށް ނަތީޖާ ހަމަހަމަވެގެންދިޔައީ މެޗުގެ 87 ވަނަ މިނެޓުގައި އިންޓަގެ މިލާން ސްކްރިނާރް އަތުން ބައިކޮޅަށް ވަން ލަނޑާއެކުއެވެ. މި މެޗުން ޔުވެންޓަސް މޮޅުވި ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ ގޮންޒާލޯ ހިގުއައިންއެވެ.

ސެރީއޭގައި ރޯމާ ވެސް ވަނީ އަމިއްލަ ދަނޑުގައި 4-1 އިން ކިއޭވޯ ވެރޯނާ ބަލިކޮށްފައެވެ. މި މެޗުގައި ރޯމާއިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ އެޑިން ޒެކޯ އަދި ސްޓެފަން އެލްޝާރަވީގެ އިތުރުން ޕެޓްރިކް ޝިކްއެވެ. މި މެޗުގައި ކިއޭވޯއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮބާޓޯ އިންގްލޭސޭއެވެ.

ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 35 މެޗުން ލިބުނު 88 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ދެވަނައިގައި 84 ޕޮއިންޓާއެކު އެއް މެޗު މަދުން ކުޅެގެން އޮތީ ނަޕޯލީއެވެ. ތިންވަނައިގައި 70 ޕޮއިންޓާއެކު ރޯމާ އޮތްއިރު ހަތަރު ވަނައިގައި އޮތީ ލާޒިއޯއެވެ. ފަސްވަނައިގައި 66 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް