ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރިތާ އަހަރެއް ވާން ގާތްވެފައިވަނިކޮށް، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން އެކޮމިޝަނުން އަނެއްކާވެސް ފައިސާއަށް އެދިއްޖެއެވެ.
މިދިޔަ އަހަރުވެސް ބައި އިލެކްޝަން ބާއްވަން 26 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްދިން ނަމަވެސް، ބައި އިލެކްޝަން ބާއްވާފައިނުވާއިރު، އެފައިސާއަށް ވީ ގޮތެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް މިފަހަރު ހުށަހަޅާފައިވަނީ 14 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، އެމެމްބަރުންގެ ގޮނޑި ޤާނޫނު އަސާސީގައި ބުނާ ގޮތުން ހުސްނުވާކަމަށާއި، އަދި މެމްބަރުންގ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް އެމެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން މެމްބަރުން އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑި ގެއްލޭނެކަމަށް ސަރުކާރުން ބުނިނަމަވެސް، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫންކަމަށް ޤާނޫނީ ފަރާތްތަކުން ފާހަގަކުރެއެވެ.
އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ކޯޓު އަމުރުގައިވެސް ބުނެފައިވެއެވެ. އަދި އެންޓި ޑިފެކްޝަން ޤާނޫނު ހަދައި، ރެޓްރޯސްޕެކްޓިވްކޮށް އެޤާނޫނު ހިނގާ ގޮތް ހަދައި، މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް ވަނީ ކަނޑައަޅާފައެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެފަހުން އެމައްސަލައިގައި ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަންއިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
ބައި އިލެކްޝަން ބާއްވަން ފައިސާ ހޯދަން ފިނޭންސަށް ފޮނުވިނަމަވެސް، ބައި އިލެކްޝަން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.