ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 17:10
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ރައްޔިތުންެގެ މަޖިލިސް
ވަޒީރުންގެ ހެލްތު އިންޝުއަރެންސް 24،000 ރުފިޔާއަށް ބޮޑު ކުރަން ފާސްކޮށްފި
އެގޮތަށް ހުށަހެޅުއްވީ ރައީސް ޔާމީން
ހުށަހެޅުން ފާސްކުރީ 35 މެމްބަރުންގެ ވޯޓުން
ޖަލްސާ ބޭއްވީ މަސް ދުވަސް ފަހުން

ވަޒީރުންނާއި އެބޭފުޅުންގެ އަނބިކަނބަލުންނާއި 18 އަަހަރު ނުފުރޭ ދަރިންގެ ހެލްތު އިންޝުއަރެންސް ސްކީމުގެ އަހަރީ ޕްރިމިއަމް 24،000 ރުފިޔާއަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ މަޖިލިސް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަހަށް ފަހު، އާދީއްތަ ދުވަހު ބޭއްވި ޖަލްސާގައެވެ. ވަޒީރުންގެ ހެލްތު އިންޝުއަރެންސް ބޮޑު ކުރަން ފާސްކުރީ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި ސަރުކާރަށް ތާއީދު ކުރާ 36 މެމްބަރުންގެ އިންތިފާގުންނެވެ.

ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރުންގެ ހެލްތު އިންޝުއަރެންސް ބޮޑު ކުރުމަށް މަޖިލީހަށް ހުށަހެޅުއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރެއްވީ މާލިއްޔަތު ކޮމެޓީންނެވެ.

މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންގެ އަނބިކަނބަލުން އަދި ފިރިކަލުންގެ އިތުރުން 18 އަހަރު ނުފުރޭ ދަރިންނަށް ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމްގެ ގޮތުގައި މިހާރު ދެމުން ގެންދަނީ 19،000 ރުފިޔާ ކަމަށެވެ. އަހަރީ ޕްރިމިއަމްގެ ގޮތުގައި އެލައިޑް އިންޝުއަރެންސްއަށް ދެމުން ގެންދާ ފައިސާ 24،000 ރުފިޔާއަށް ބޮޑު ކުރުމަށް ތަޅުމުން ވަނީ ފާސްކޮށްފައެވެ.

އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމެޓީން މި މަހުގެ 19 ވަނަ ދުވަހު ނިންމާފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި ގޮތަކަށް ވަޒީރުންގެ ހެލްތު އިންޝުއަރެންސް ފައިސާގެ އަދަދު ބޮޑު ކުރުމަށެވެ.

މިއަދު ޖަލްސާގެ އެޖެންޑާގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ބަދަލު ގެނައުމަށް ވެސް މާލިއްޔަތު ކޮމެޓީން ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެންއައިސީގެ މެމްބަރުންގެ އަނބިކަނބަލުންނާއި އަދި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިން ވެސް ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރުމަށް ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް