ވަޒީރުންނާއި އެބޭފުޅުންގެ އަނބިކަނބަލުންނާއި 18 އަަހަރު ނުފުރޭ ދަރިންގެ ހެލްތު އިންޝުއަރެންސް ސްކީމުގެ އަހަރީ ޕްރިމިއަމް 24،000 ރުފިޔާއަށް ބޮޑު ކުރަން މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.
މާލިއްޔަތު ކޮމެޓީން ނިންމި ނިންމެވުމުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 15 ވަޒީރެއްގެ ހެލްތު އިންޝުއަރެންސް ބޮޑު ކުރެއްވުމަށް އެދިވަޑައިގެން، މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނެވެ.
މާލިއްޔަތު ކޮމެޓީން ފާސްކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންގެ އަނބިކަނބަލުން އަދި ފިރިކަލުންގެ އިތުރުން 18 އަހަރު ނުފުރޭ ދަރިންނަށް ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމްގެ ގޮތުގައި މިހާރު ދެމުން ގެންދަނީ 19،000 ރުފިޔާ ކަމަށެވެ. އަހަރީ ޕްރިމިއަމްގެ ގޮތުގައި އެލައިޑް އިންޝުއަރެންސްއަށް ދެމުން ގެންދާ ފައިސާ 24،000 ރުފިޔާއަށް ބޮޑު ކުރުމަށް އެ ކޮމެޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ވަނީ ރިޕޯޓު ފޮނުވާފައެވެ.
އިދިކޮޅު އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމެޓީން މި މަހުގެ 19 ވަނަ ދުވަހު ނިންމާފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި ގޮތަކަށް ވަޒީރުންގެ ހެލްތު އިންޝުއަރެންސް ފައިސާގެ އަދަދު ބޮޑު ކުރުމަށެވެ.
މިއަދު ބާއްވަން ނިންމާފައިވާ ޖަލްސާގެ އެޖެންޑާގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ބަދަލު ގެނައުމަށް ވެސް މާލިއްޔަތު ކޮމެޓީން ހުށަހަޅާފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އެންއައިސީގެ މެމްބަރުންގެ އަނބިކަނބަލުންނާއި އަދި ފިރިންނާއި 18 އަހަރު ނުފުރޭ ދަރިން ވެސް ހެލްތު އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރުމަށް ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީން ވަނީ ނިންމާފައެވެ.