މިއަދު ބާއްވަން ނިންމާފައިވާ ޖަލްސާ މެންދުރުފަހު 1:00ގައި ފަށަން ނިންމައިފިއެވެ.
މަޖިލީހުގެ ޖަލްސާ މިއަދު ބާއްވަނީ، މަޖިލިސް ނުބާއްވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.
މިއަދު މެންދުރު ފަހު މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައި، ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ އިދާރާއިން ވަނީ އާންމުކޮށްފައެވެ. އެގޮތުން އާންމު ގަވާޢިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ގަވާއިދުތަކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ހެލްތު އިންޝުއަރެންސް ބޮޑު ކުރުމުގެ މައްސަލަ ވެސް އެޖެންޑާކޮށްފައިވެއެވެ.
މަޖިލީހުގެ ޖަލްސާއެއް ނުބާވާތާ 46 ދުވަސް ފަހުން މިއަދު ޖަލްސާއެއް ބާއްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު މާދަމާ ނިމޭނެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުގައި މިހާތަނަށް ބާއްވާފައި ވަނީ އެންމެ 10 ޖަލްސާއެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުގެ ތެރޭގައި ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހެއެވެ. އެއީ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވަނީ ތިން ދައުރަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮންޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މަޖިލީހުން ނަގާ ވޯޓެއްގައި ހަމަވާންޖެހޭ ގާނޫނީ އަދަދު ނެތި، އެންމެ ފަހުން މަޖިލީހުން ފާސްކުރި ދެ ބިލު ބާތިލު ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ އެ ދެ ބިލު ފާސްކޮށްފައި ވަނީ "ޒަރޫރީ ހާލަތު"ގެ ދަށުން ކަމަށެވެ. ޒަރޫރީ ހާލަތަކީ އިޔާދަ ނުކުރެވޭނެ ގެއްލުމެއް ދިމާވެދާނެ ހާލަތެއްގައި، އަމަލު ކުރުން ހުއްދަ ހާލަތެއް ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ބުނެފައިވެއެވެ.