ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 19:14
އާސެނަލް އަދި އެޓްލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
އާސެނަލް އަދި އެޓްލެޓިކޯ ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ޔުރޮޕާ ލީގު
އާސެނަލް އަދި އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމައިފި
ބެލެވޭ ގޮތުގައި އާސެނަލް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ
އެޓްލެޓިކޯގެ ޓީމު ވެސް ޖޫރިމަނާކޮށް އެ ޓީމުގެ ކޯޗު ޔޫރަޕުގެ މެޗުތަކުން ސަސްޕެންޑް ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް

ސްޕެއިންގެ އެޓްލެޓިކޯ މެޑްރިޑް އަދި އިނގިރޭސިވިލާތުގެ އާސެނަލްއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމައިފިއެވެ.

މި ދެ ޓީމާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅަން އެއިދާރާއިން ނިންމާފައިވަނީ ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި މި ދެ ޓީމު ކުޅުނު މެޗުގައި ހިނގައިދިޔަ ކަންކަމާއި ގުޅިގެންނެވެ. ޔުއެފާއިން އެޓްލެޓިކޯއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައި ވަނީ އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނޭގެ އަމަލުތައް މެޗުގައި ހުރި ގޮތާއި ގުޅިގެންނެވެ. މި މެޗުގެ 13 ވަނަ މިނެޓުގައި ރެފްރީގެ ނިންމުންތަކާއި ހިތްހަމަނުޖެހުމުގެ ސަބަބުން ޒުވާބުކުރުމާއި ގުޅިގެން ސިމިއޯނޭ ވަނީ ބެންޗުން ވެސް ފޮނުވާލާފައެވެ. އޭނާ ރެފްރީއާ ޒުވާބުކުރީ އެ ޓީމުގެ ޑިފެންޑަރު ސިމޭ ވިރްލާސްކޯއަށް ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ.

ޔުއެފާއިން ވަނީ މެޗުގެ އޮފިޝަލަކާއި ދެކޮޅަށް ސިމިއޯނޭ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަމަށް ބުނެފައެވެ. ހަމައެހެންމެ އޭނާގެ ފަރާތުން ފެނިފައިވަނީ ކޯޗެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލެއް ކަމަށާއި އަދި އޭނާ ވަނީ ދަނޑު މައްޗަށް އެއްޗެހި ވެސް އުކާފައި ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. މި މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ މޭ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އާސެނަލްއާ ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަން ނިންމާފައި ވަނީ ޔުއެފާގެ ހުއްދައާއި ނުލައި އެ ޓީމުގެ ސަޕޯޓަރުން ދަނޑުތެރޭގައި ބަޑިބޭސް ބޭނުންކުރުމާއި ގުޅިގެންނެވެ. މިއީ ޔުއެފާގެ އާންމު ގަވާއިދާއި ހިލާފް ކަމެކެވެ. މި މައްސަލައިގައި ވެސް ޔުއެފާއިން ގޮތެއް ނިންމާނީ އަންނަ މޭ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ބެލެވޭ ގޮތުގައި އާސެނަލް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެއެވެ. ހަމައެހެންމެ އެޓްލެޓިކޯގެ ޓީމު ވެސް ޖޫރިމަނާކޮށް އެ ޓީމުގެ ކޯޗު ޔޫރަޕުގެ މެޗުތަކުން ސަސްޕެންޑް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ދެ ޓީމާއި ދެކޮޅަށް ޔުއެފާއިން ފިޔަވަޅު އަޅަން ނިންމާފައިވާއިރު މި ދެ ޓީމު އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އެޓްލެޓިކޯގެ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް