ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، ފާތުމަތު އިބްރާހިމްގެ އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ވަސީލަތްތައް ހުސްކުރަންޖެހުމުން، ރާއްޖެ ވަޑައިގެންނެވި ދުނިޔޭގެ މަޝްހޫރު އިސްލާމީ ދާޢީ ޔޫސުފް އެސްޓެސްގެ ދަރުސް ކެންސަލްކޮށްފިއެވެ.
އެމެރިކާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިސްލާމީ ދާޢީ، ޔޫސުފް އެސްޓެސް ދަރުސް ދިނުމަށް ނިންމާފައި އޮތީ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ. އެ ދަރުސް ޕީއެސްއެމުން ލައިވް ކުރަންވެސް ނިންމިއެވެ. ނަމަވެސް ލައިވް އިވެންޓަތައް ގިނަ ކަމަށް ބުނެ އެ ދަރުސް ކެންސަލްކޮށްފައިވެއެވެ.
ކެންސަލްކުރި ސަބަބާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީއާ ސުވާލު ކުރުމުން، އެ މިނިސްޓްރީން ޖަވާބެއް ނުދިނެވެ.
ހުކުރު ދުވަހުގެ ރޭ ދަރުސް ބާއްވަން އޮތް ވަގުތު، ޓީވީއެމް އާއި ޕީއެސްއެމުން ލައިވްކޮށް ދައްކަމުން ދިޔައީ ތ. ވޭމަންޑޫގައި ޕީޕީއެމުން ބޭއްވި ޖަލްސާއެވެ. އެ ޖަލްސާއަކީ ރައީސްގެ އަނބިކަނބަލުން އެ ރަށަށް ވަޑައިގެންނެވުމުން ބޭއްވި ޖަލްސާއެކެވެ. އެ ޖަލްސާ ފެށިގެން ނިމެންދެން ދެ ގަޑިއިރު ވަންދެން ޕީއެސްއެމުން ލައިވްކުރިއެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި މި ދުވަސްކޮޅު ޕީއެސްއެމްގެ ގިނަ ވަސީލަތްތަކެއް ހުސްކޮށްފައި ވަނީ ތ. އަތޮޅުގެ ހަ ރަށަކަށް އެ ކަމަނާ ކުރައްވާ ދަތުރުފުޅަށެވެ. ފާތުމަތު އިބްރާހިމް ރަށަކަށް ވަޑައިގެންނެވުމާ އެކު ޕީއެސްއެމުން ގެންދަނީ އެ އިންވެންޓްތައް ލައިވް ކުރަމުންނެވެ.
ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ބާއްވަން އުޅުނު ޔޫސުފް އެސްޓެސް ދަރުސް ކެންސަލް ކުރަން ޖެހުނީ އެ ސަބަބާ ހުރެއެވެ. ދައުލަތުގެ މީޑިއާގެ ގިނަ ވަސީލަތްތަކެއް އެކަމަނާގެ ދަތުރުފުޅަށް ހުރަސް ކުރަން ޖެހުމުގެ ސަބަބުން އެ ދަރުސް ލައިވް ކުރެވޭ ގޮތެއް ނުވިއެވެ. އެ ދަރުސް ދެއްވުމަށް ޔޫސުފް އެސްޓެސް ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުއެވެ.
ދައުލަތުގެ އެކި އިދާރާތަކުގެ ވަސީލަތްތަކެއް ބޭނުންކޮށްގެން، ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް ފާތުމަތު އިބްރާހިމް ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. ދައުލަތުން ހަރަދުކޮށްގެން އެކަމަނާ ކުރައްވާ ދަތުރުފުޅުތަކުގައި، ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ދައުލަތުގެ ނިޝާން ޖެހި ސިޓީ އުރަތަކުގައި ނަގުދު ފައިސާ ވެސް އެކަމަނާ ގެންދަވަނީ ބައްސަވަމުންނެވެ.