ކ. މާލެ
|
28 އޭޕްރިލް 2018 | ހޮނިހިރު 16:56
މާފަންނުއާގެ އިން ދައުލަތަށް ނެގި ދަންޑަހެލުގެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަނީ
މާފަންނުއާގެ އިން ދައުލަތަށް ނެގި ދަންޑަހެލުގެ ބިން ހުސްކުރުމުގެ މަސައްކަތް ކުރަނީ
މިހާރު
ސިވިލް ކޯޓު
މަގުފުޅާ ކުރުމަށް މާފަންނުއާގެ އިން އަނެއްކާ ވެސް ބައެއް ދައުލަތަށް ނަގައިފި
ދައުލަތަށް ނަގާފައި ވަނީ 2577 އަކަފޫޓުގެ ބިމެއް
ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ
ކުރިން ވެސް އެ ބިމުން ބައެއް ދައުލަތަށް ނަގާފައިވޭ

މަގުފުޅާކުރުމަށް ކަމަށް ބުނެ، ސުޕްރީމް ކޯޓުގެ ކުރިމަތިން އޮންނަ، މ. މާފަންނުމާއާގެ އިން އަނެއްކާ ވެސް ބައެއް ދައުލަތަށް ނަގައިފިއެވެ.

ދައުލަތަށް ނަގާފައި ވަނީ މާފަންނުއާގެއިން 2577 އަކަފޫޓުގެ ބިމެކެވެ. އެ ބިން ނަގާފައި ވަނީ އާބުރުޒުހިނގުމާ ވީ ފަޅިންނެވެ. މާލާގެ އެންމެ ބޮޑެތި ބިންތަކުގެ ތެރޭގައި ހިމެނޭ މާފަންނުއާގެ އަކީ ކުރިން 22،000 އަކަފޫޓުގެ ބިމެވެ. އެ ބިމުން މީގެ ކުރިން ވެސް 12،000 އަކަފޫޓުގެ ސަރަހައްދެއް ދައުލަތަށް ނަގާފައިވެއެވެ. ދައުލަތަށް ނެގި ބިމަށް ދީފައި ވަނީ މ. ދަންޑަހެލުގެ ނަމެވެ.

މާފަންނުއާގެ އިން 2577 އަކަފޫޓު ބިން ދައުލަތަށް ނަގައި، އެ ބިމުގައި ހުރި އިމާރާތްތަކުގެ ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އެ ބިމުގެ ވެރިފަރާތް ކަމުގައިވާ، ފާތިމަތު ފަރީދަށް ދިނުމަށް ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ފާތިމަތު ފަރީދަކީ އެންމެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި މުހައްމަދު ފަރީދުގެ އާއިލާގެ ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުންނެވި ހަމައެކަނި އާއިލީ މެމްބަރެވެ. އެކަމަނާއަކީ ބޮޑުވަޒީރުކަމާއި ވެރިކަން ހިންގެވުމުގައި ނުފޫޒުގަދަ ބޭފުޅެއްގެ ގޮތުގައި ދިވެހި ތާރީހުން ފާހަގަކުރެވުނު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ލިބިވަޑައިގެންނެވި އިބްރާހިމް ފަރީދުގެ ހަމައެކަނި ދަރިކަލުންނެވެ. ރާއްޖޭގެ ދެ ވަނަ ޖުމްހުރިއްޔާ އިއުލާން ކުރެއްވުމާ ހަމައަށް 1954 ވަނަ އަހަރުން ފެށިގެން 1968އާ ހަމައަށް ރަސްކަން ކުރެއްވީ ފާތިމަތު ފަރީދުގެ ބޭބޭފުޅު، މުހައްމަދު ފަރީދެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ރިޔާސީގަނޑުވަރު އިމާރާތް ކުރުމަށް އެ އާއިލާގެ ބައެއް ބިންތައް ދައުލަތަށް ވަނީ ނަގާފައެވެ. އެގޮތުން އަތިރީމާފަންނުގެ ދައުލަތަށް ނަގައި ރިޔާސީ ގަނޑުވަރު ވަނީ އިމާރާތްކޮށްފައެވެ.

ފާތުމަތު ފަރީދުގެ މިލްކުވެރިކަމުގައި އޮތް މާފަންނުއާގެ އިން، ދައުލަތަށް ނެގި ބިމަށް އެކަމަނާއަށް ބަދަލު ދިނުމަށް ފަހު، މާފަންނުއާގެއާ އިންވެގެން އޮތް ދައުލަތުގެ ބިމެއް ކަމުގައިވާ ދަންޑަހެލުގެ އިން 537 އަކަފޫޓުގެ ބިމެއް ވެސް ފާތިމަތު ފަރީދަށް ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމްގައި ބުނެފައިވާ ގޮތުން މާފަންނުއާގެއިން 2577 އަކަފޫޓުގެ ބިން ދައުލަތަށް މިލްކުކޮށްދީފައި ވަނީ މަގުފުޅާކުރުމުގެ ގޮތުން ކަމަށާއި އެ ބިމަކީ އިޖުތިމާއީ އާންމު ފައިދާއަށް ދައުލަތުގެ ބޭނުމަށް ބަދަލު ދިނުމަށް ފަހު ޝަރީއަތް މެދުވެރިކޮށް ދައުލަތަށް ނެގި ބިމެއް ކަމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ އަލީ އެ ހުކުމް ކުރެއްވިއިރު އެ ބިމުން ކުރިން ދައުލަތަށް ލިބުނު ބަޔަށް ވަކި ރަޖިސްޓްރީއެއް ހަދާފައެވެ. އަދި އެ ބިން ވިއްކާލުމަށް ސަރުކާރުން މަސައްކަތް ވެސް ކުރިއެވެ. މިހާރު ވަނީ އެ ބިމުން ބައެއް އާބުރުޒުހިނގުމުގެ ބަޔަކަށް ހަދައި، ޕާކިން ޒޯނެއް ހަދާފައެވެ.

 

.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް