ރިޔާސީ އިންތިހާބުގެ ކުރިން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުން އއ. ރަސްދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ފަސް އަހަރުން އެއް ފަހަރު ވެރިޔަކު އިންތިހާބު ކުރަން ޖެހޭނީ މިނިވަން އިންސާފުވެރި އިންތިހާބަކުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް އޮތް ނުރައްކަލަކީ ރައީސް ޔާމީން ކަމަށާއި މިނިވަން އިންތިހާބަކަށް ދާނަމަ، އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ނެރޭނީ އެއް ކެނޑިޑޭޓަކު ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު، ގުޅިފައިވާ ޕާޓީތަކުގެ ނެރޭ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ތައްޔާރުވުމަށް އިބޫ ގޮވާލެއްވިއެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫން ސަޕޯޓަރުންނާއެކު ގުޅިފައިވާ ޕާޓީތަކުން ރަސްދޫގައި ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ޕާޓީތައް ގުޅިގެން ކުރަމުންދާ މަސައްކަތުގައި މަގުސަދާ ހިސާބަށް ދެވޭނެ ކަމުގެ ޔަގީންކަން ލިބިގެން ހިނގައްޖެ ކަމަށެވެ.
އިބޫ ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން މަޖިލީހުގައި ތަމްސީލު ކުރުން ހުއްޓިފައި ވަނީ "ހާލަތުލް ޒަރޫރާ"ގެ ދަށުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ މިއަދު ރައްޔިތުން ތަމްސީލު ކުރާ ތަނެއް ނޫން ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
ސިޔާސީ ބޭފުޅުން ހައްޔަރުކޮށްގެން ހިނގަމުންދާ ޝަރީއަތްތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވީ ޝަރުއީ ދާއިރާގެ ދުވަހަކުވެސް އިތުބާރު ނުގެއްލޭ ވަރަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ 18 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން، ފަހަށް ފައިސާ ރައްކާ ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި ފައިސާ ހަރަދު ކުރަމުންދަނީ އަމިއްލަ މަސްލަހަތާއި ކުރިއެރުމަށް ކަމަށެވެ.