ކ. މާލެ
|
27 އޭޕްރިލް 2018 | ހުކުރު 22:03
ރައީސް ނަޝީދު ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ނިއުސް ފަރސްޓް
ރައީސް ނަޝީދު ލަންކާގައި
އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެދުމާއި، ބިން ފޭރިގަތުން: ރައީސް ނަޝީދު
ރައީސް ނަޝީދު ވަނީ ޗައިނާއަށް ބަހުގެ ހަމަލާ ދެއްވާފައި
ދައުލަތުގެ ތެރޭގައި އުފެދިފައިވާ އިތުރު ދައުލަތެއްގެ ވާހަކަ ރައީސް ނަޝީދު މީގެ ކުރިންވެސް ތަކުރާރުކޮށް ފާހަގަކުރެއްވި
ޗައިނާއަށް ރާއްޖެ ވަނީ ދަރަނިވެރިފައި

ރާއްޖޭގައި މިހާރު ޖެހިގެން އުޅޭ މައިގަނޑު މައްސަލަތަކަކީ ދާދި ފަހުން އުފެދުނު 2 މައްސަލަކަމަށާއި، އެއީ ރާއްޖޭގެ ދައުލަތުގެ ތެރޭގައި އިތުރު ދައުލަތެއް އުފެއްދުމާއި، ބިންތައް ފޭރިގަތުމަށް އިރުމަތީގެ ޤައުމުތަކުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދައުލަތަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތައްކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަވަށްޓެރި ސްރީލަންކާގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ޖަލްސާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ހިތާމަހުރި އަދި ގެއްލުންހުރި ކަންތައްތައްކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކަކީ ހިތް ކުދިކުދިވާ ކަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ބިންތަކަށް ވެރިވެގަތުން، ނުވަތަ 'ލޭންޑް ގްރެބް' ސިޔާސަތުގެ ދަށުން ބައެއް ޤައުމުތަކުން ހުދުމުޚުތާރު ވެރިން އެހެން ޤައުމުތަކުން ހޯދައި، އެވެރިންނަށް މަދަދުވެރިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއަށްފަހު އުޞޫލުތަކުން ބޭރުން ކޮންޓްރެކްޓްތައް ހޯދައި، ބޮޑު އަގުގައި މަސައްކަތް ނަގާކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މަސައްކަތްތަކުގެ އަގު ބޮޑުވެފައިވާ މިންވަރަކީ އެއަގަކީ އަނބުރާ ދެއްކޭނެ ވަރުގެ އަދަދެއް ނޫންކަން މަސައްކަތްކުރާ ފަރާތުން ކަަށަވަރުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެދަރަނިތައް އަދާނުކުރެވުނީ ދޫކޮށްލަން ޖެހެނީ ޤައުމުގެ އިސްތިޤްލާލުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެޕިޓަލް މަހާރާޖާ ގްރޫޕްގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު އެންމެ ފުރަތަމަ ޗައިނާގެ ނަން ބޭނުން ނުކޮށް އެވާހަކަ ދެއްކެވިނަމަވެސް، ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ އެމަނިކުފާނު އެދައްކަވަނީ ޗައިނާގެ ވާހަކަކަމަށެވެ. އަދި ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށާއި، އެވާހަކަ ދެއްކެވުން ހުއްޓަވާ ނުލައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެޕިޓަލް މަހާރާޖާ ގްރޫޕަކީ މީޑިއާ، އައިޓީ، މެނުފެކްޗަރިންގ އަދި މީގެ އިތުރުންވެސް އެހެން ބައެއް ސިނާޢަތްތަކުގައި އިންވެސްޓްކޮށްފައިވާ ކުންފުންޏެކެވެ. މަހާރާޖާ ގްރޫޕަކީ ލަންކާގެ އެންމެ ބޮޑު އެއް މީޑިއާ ކުންފުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް