ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ 16 ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާނެކަން އިއުލާނުކޮށްފިއެވެ.
އިނިއެސްޓާ މިކަން އިއުލާނުކޮށްފައިވަނީ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިނިއެސްޓާ ބުނީ މިއީ އޭނާއަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށާއި އެހެން ނަމަވެސް މި ސީޒަނަކީ އޭނާ ބާސާގައި ހޭދަކުރާނެ އެންމެ ފަހުން ސީޒަން ކަމަށެވެ. މި ބައްދަލުވުމަށް އިނިއެސްޓާގެ އާއިލާގެ މެމްބަރުންނާއި އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އިސްވެރިން ވެސް ހާޒިރުވިއެވެ.
އިނިއެސްޓާ ބުނީ މި ނިންމުން ނިންމުމަށް ވަރަށް ގިނަ ދުވަހު އޭނާ ވިސްނަން ޖެހުނު ކަމަށާއި ދުނިޔޭގެ އެންމެ މޮޅު ޓީމުގައި 22 އަހަރު ހޭދަކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އިނިއެސްޓާ ބުނީ މި ފެންވަރުގެ ޓީމެއްގެ ކެޕްޓަންކަން ކުރަން ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި އެހެން ނަމަވެސް މިއީ ކްލަބް ދޫކޮށްލަން އެންމެ ރަނގަޅު ވަގުތުކަމުގައި ދެކޭ ކަމަށެވެ. އޭނާ ބުނީ ކްލަބްގައި އޭނާ ބޭނުންވީ ވީހާވެސް ބޮޑު ކާމިޔާބެއް ހޯދަން ކަމަށާއި އެ އަމާޒަށް ވާސިލްވެވިފައިވާ ކަމަށެވެ.
އިނިއެސްޓާ ބުނީ އޭނާ ބާސާ ދޫކޮށްލި ނަމަވެސް އެ ޓީމާއި ދެކޮޅަށް ކުޅެވޭނެ ފުރުސަތު އޮންނާނޭ ޓީމަކަށް ބަދަލުނުވާނޭ ކަމަށާއި އެ ނޫން ކޮންމެ ޓީމަކުން ވެސް އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ސީޒަނުގައި އިނިއެސްޓާ ފުރިހަމަ 90 މިނެޓު ހަމަކޮށްފައި ވަނީ އެންމެ ދެ މެޗުގައެވެ. އިނިއެސްޓާ ބުނީ އޭނާ ނެތްނަމަވެސް ބާސާއަކީ ކާމިޔާބު ހޯދާނެ ޓީމެއް ކަމަށް ދެކޭ ކަމަށާއި އެ ފެންވަރުގެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ.
އޭނާ ވަނީ ބާސާގެ ކުޅުންތެރިންނާއި ކޯޗުންނަށް ޝުކުރު އަދާކޮށްފައެވެ.
އިނިއެސްޓާއަކީ 669 މެޗާއިއެކު ބާސާއަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އަދި 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ދުވަހުން ފެށިގެން ބާސާގެ ޓީމުގައި ހިމެނިގެން ކުޅެމުން އަންނަ އިނިއެސްޓާ ވަނީ އެ ޓީމަށް 57 ލަނޑު ޖަހައިދީފައެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އެ ކްލަބުގެ ކެޕްޓަނަކީ ވެސް އިނިއެސްޓާއެވެ.
އިނިއެސްޓާ ބާސާއާއި ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އުމުރުން 12 އަހަރުގައެވެ. އޭނާއަކީ 30 ތައްޓާއެކު ބާސާގެ ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރި އެއް ކުޅުންތެރިޔާއެވެ. ބާސާ އާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން 8 ފަހަރު، އަދި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ތަށި 4 ފަހަރު ހޯދުން ފާހަގަ ކޮށްލެވެއެވެ.
މި ސީޒަނުގައި ވެސް އޭނާ ވަނީ އެ ޓީމާއެކު ސްޕެނިޝް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްފައެވެ. ހަމައެހެންމެ އޭނާއަށް މި ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.