ސަރުކާރަށް ގައުމު އެއްބައިވަންތަ ނުކުރެވުނު ކަމަށާއި ރާއްޖެ މިވަރަށް ބައިބައިވެފައި އޮތް ދުވަސް ވަރެއް ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ލާބަޔަކަށް ކުރި މަސައްކަތަށް ބަޔަކު މަލާމާތްކޮށް، ފާޑު ކިޔަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތަކަކީ ދިވެހި ރައްޔިތުން ދަންނަ އަހުލާގެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ދިވެހިންނަކީ އެއް ގައުމިއްޔަތެއްގައި ތިބި އެއް ދީނަކަށް ތަބާވެގެން ތިބި ބައެއް ކަމަށާއި ނަމަވެސް ރާއްޖެ މިހާ ވަރަށް ބައިބައިވެފައި އޮތް ދުވަސް ވަރެއް ނުފެންނަ ކަމަށެވެ.
"ގައުމު އެއްބައެއް ނުކުރެވުނު މި ސަރުކާރަކަށް. ދިވެހިންނަކީ އެއް ދީނަކަށް ތަބާވެގެން ތިބި އެއް ގައުމިއްޔަތެއްގެ، އެއް ނަސްލެއްގެ، އެއް ސަގާފަތެއްގެ ބައެއް. އެހެންވީމަ އަޅުގަނޑު ނުދެކެން މިއަދު ދިވެހި ގައުމުގެ ރައްޔިތުން ބައިބައިވެފައި މިއޮއް ވަރަށް ބައިބައިވެފައި އޮތް ދުވަސް ވަރެއް، އަޅުގަނޑެއް ނުދެކެން،" ރައީސް މައުމޫންގެ ސަރުކާރުގައި ވަޒީރުކަން ވެސް ކުރެއްވި ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އިސްލާމް ދީނާއި ގައުމިއްޔަތަކީ ހުރިހާ ދިވެހިންގެ ހައްގެއް ކަމަށާއި ނަމަވެސް ދީނާއި ގައުމިއްޔަތުގެ ޓެގު އަޅުވައިގެން، އެ ބައެއްގެ އަމިއްލަ އެއްޗަކަށް ހަދައިގެން އުޅޭ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިސްލާމްކަމާއި ދިވެހި ގައުމިއްޔަތުގެ ޓެގު އެއްވެސް ބަޔަކު އަޅުވައިގެން އެ ބައެއްގެ އަމިއްލަ ކަމަކަށް ހަދައިގެން ދިޔަކަ އަޅުގަނޑުމެން ނުދޭނަން. އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތަކީ އަޅުގަނޑުމެން އެންމެންގެ ހައްގެއް. އަޅުގަނޑުމެންގެ ކިބައިން އަޅުގަނޑުމެންގެ އަނބިދަރިން ވެސް އެ ޖަހައިގަތުމުގެ ފުރުސަތު ވެސް ނުދޭންނަން،" ކަމާލުއްދީން ވިދާޅުވިއެވެ.