ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އިބްރާހިމް ނާޞިރުގެ ކުރީގެ އަނބިކަނބަލުން، މާފަންނު ބަގީޗާގޭ މަރިޔަމް ސައީދު އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އާއިލާއިން މަޢުލޫމާތު ދިން ގޮތުގައި އެކަމަނާ އަވަހާރަވީ އަވަށްޓެރި ސްރީލަންކާގައެވެ. އަވަހާރަވުމުގެ ދޮޅު މަހެއްހާ ދުވަސް ކުރިން އެކަމަނާއަށް ސްޓްރޯކެއް ޖެހުނު ކަމަށާއި، އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްޙީ ހާލުކޮޅު ދެރަވުމުގެ ސަބަބުން ކަމަށް ވެސް އާއިލާއިން ވަނީ މަޢުލޫމާތު ދީފައެވެ.
މަރިޔަމް ސައީދަކީ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވިއެވެ. އެއީ އަލްމަރުހޫމް އަލީ ނާސިރާއި އަލްމަރުހޫމް މުޙައްމަދު ނާސިރެވެ.
އަލްމަރްޙޫމާ މަރިޔަމް ސައީދަކީ ޅެންވެރި އާލާއަކަށް ލިބިވަޑައިގެންނެވި ޅެންވެރި ބޭފުޅެކެވެ. މިގޮތުން، އަލްމަރްޙޫމާ މަރިޔަމް ސައީދަށް ޅެންވެރިކަމުގެ ގޮތުން އާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމް 1983 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.