ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 19:40
ބާސެލޯނާ އޯޕެންގައި ނަޑާލް ކުޅުނު މެޗުގެ ތެރެއިން
ބާސެލޯނާ އޯޕެންގައި ނަޑާލް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އޭޓީޕީ ވޯލްޑް ޓުއާ
ބާސެލޯނާ އޯޕެން: ނަޑާލް ގަދަ 16 އަށް، ޖޮކޮވިޗް ކަޓައިފި
ނަޑާލް ވަނީ މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައި

ސްޕެއިންގެ ބާސެލޯނާގައި މިހާރު ކުރިޔަށްދާ އޭޓީޕީ ބާސެލޯނާ އޯޕެން ޓެނިސް ޗެމްޕިއަންޝިޕްގެ ގަދަ 16 އިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދިއިރު މުބާރާތުގެ ދެވަނަ ބުރުން ސާބިއާގެ ނޮވާޖް ޖޮކޮވިޗް ކަޓައިފިއެވެ.

މި މުބާރާތް މިދިޔަ އަހަރު ކާމިޔާބު ކުރި ނަޑާލް ގަދަ 16 އަށް ދަތުރު ކުރީ ރޮބާޓޯ ކާބެޔާސްގެ މައްޗަށް ސީދާ ދެ ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-4 އަދި 6-4 އިންނެވެ. މި މޮޅާއެކު ނަޑާލް ވަނީ ޖެހިޖެހިގެން 38 ސެޓު ކްލޭ ކޯޓުތަކުގައި ކާމިޔާބު ކޮށްފައެވެ. ކުރިޔަށް އޮތް ބުރުގައި ނަޑާލް ނުކުންނާނީ ދުނިޔޭގެ 69 ވަނައިގައި ރޭންކް ކުރެވިފައިވާ ގުއިލާމޯ ގާސިއާ ލޮޕޭޒްއާ ދެކޮޅަށެވެ.

ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ނޮވާކް ޖޮކޮވިޗް މި މުބާރާތުން ކެޓީ ދުނިޔޭގެ 140 ވަނައިގައި ރޭންކް ކުރެވިފައިވާ ސްލޮވާކިއާފެ މާޓިން ކައިޒާން އަތުން ދެ ސެޓު އެއް ސެޓުން ބަލިވެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 6-2 އިން ކައިޒާން ގެންދިޔައިރު ދެވަނަ ސެޓު 6-1 އިން ގެންދިޔައީ ޖޮކޮވިޗްއެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ކައިޒާން ކާމިޔާބުކުރީ 6-3 އިންނެވެ. ޖުމްލަ 12 ފަހަރެއްގެ މަތިން ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް އަނިޔާއިން އެނބުރި އައިސް އެންމެ ފަހުން ކުޅުނު ފަސް މުބާރާތުގައި ވެސް ކުއާޓާ ފައިނަލަށް ދަތުރުކުރެވިފައެއް ނުވެއެވެ.

މިދިޔަ ހަފްތާގައި ނިމުނު މޮންޓެ ކާލޯ މާސްޓާސްގެ ފައިނަލުގައި ނަޑާލްއާ ދެކޮޅަށް ކުޅުނު ޖަޕާންގެ ކެއި ނިޝިކޯރީ ވެސް ވަނީ މި މުބާރާތުން ކަޓާފައެވެ. އޭނާ މި މުބާރާތުން ކެޓީ ލޮޕޭޒްއާ ދެކޮޅަށް ކުޅުނު މެޗު އަނިޔާގެ ސަބަބުން ދޫކޮށްލުމާއި ގުޅިގެންނެވެ.

މި ކުޅުންތެރިންގެ އިތުރުން ދެވަނައަށް ސީޑު ކުރެވިފައިވާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި އޮސްޓްރިއާގެ ޑޮމިނިކް ތިއެމްގެ އިތުރުން ސްޕެއިންގެ އަލްބާޓް ރާމޯސް ވިނޯލާސް ވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް