ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ރައީސް މައުމޫނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށާއި ކޯޓުގެތަކުގެ ބައެއް ފަނޑިޔާރުނަށް ރިޝްވަތުދީ ގާނޫނީ ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ތުހްމަތުކުރާ މައްސަލަތަކެއްގަ އެވެ. މިއަޑުއެހުން ބާއްވަން ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ މެންދުރު ފަހު 15.00ގައެވެ.
އެމަނިކުފާނު ހުންނެވީ އުފުލާފައިވާ މި ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.
ދޫނިގައި ބަންދުކޮށްފައި ހުންނެވި މައުމޫނުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެއް ވެސް އުފުލާފައިވާއިރު އޭގެ އިބްތިދާއީ އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާ ހަމައަށްގޮސްފަ އެވެ. އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންވިދާނެ ދައުވާއެއް ކަމަށް ގާޒީ ވަނީ އެ މައްސަލައިގައި ނިންމަވާފަ އެވެ.
ރައީސް މައުމޫނު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ފަހެއް ފެބްރުއަރީގަ އެވެ.