ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 18:57
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން:- އޭނާ ހުރީ ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފަ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން:- އޭނާ ހުރީ ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކޮށްފަ
މުހައްމަދު ޝަރުހާން
މެމްބަރު ސިނާން
ސިނާންގެ މައްޗަށް ކޮށްފައިވާ ދައުވާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނަށް ނުރައްކާތެރި ތުހުމަތުތަކެއް
ޝިނާން ރިޝްވަތު ހިފި ކަމަށް ދައުވާގައި ބުނޭ
ސިނާންގެ މައްޗަށް ކުށް ސާބިތުކުރަން 32 ހެކި ހުށަހެޅި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާ އޮތް ގޮތުން ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރު އަމަލު ކޮށްފައިވާ ކަމަށް ދައުލަތުން ތުހްމަތުކުރާ ކަމަށް ސިނާންގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު މެންދުރު ފަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އުފުލި ދައުވާގައި ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން ސިނާން އިތުރު ބަޔަކާ ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށްޓަކައި އޭނާ ރިޝްވަތު ހިފާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ސިނާން ނެރުވާފައިވާ ކަމަށް ވެސް ދައުލަތުން އިއްވި ދައުވާގައި ބުނެފައިވެ އެވެ. އޭގެ އިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ޕޮލިސް ކޮމިޝަނަރ އަހްމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަލުކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާއި ކުރިމަތިލައި، ގައުމުގެ ހަމަ ނުޖެހުން ނަގާލަން މަސައްކަތްކޮށް ގާނޫނު އަސާސީއާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް، ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި، އާންމުންގެ ސަލާމަތައް ނުރައްކާތެރިވާ ފަދަ ހާލަތެއް މެދުވެރިކުރުވާފައިވާ ކަމަށް ވެސް ސިނާންގެ މައްޗަށް ތުހްމަތުކޮށްފައިވެ އެވެ.

އެކެއް ފެބްރުއަރީ ގައި ސިނާން އަމުރެއް ނެރުވަން މަސައްކަތް ކުރީ ގެއްލިފައިވާ ކަމަށް ބުނާ އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަން ކަށަވަރު ކުރުމަށް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެކެއް ފެބްރުއަރީގައި ފަސް ފަނޑިޔާރުން ނެރުނު އަމުރުގައި އޭގެ ކުރިން ސުޕްރީމް ކޯޓުން ނެރުނު ފްލޯކްރޮސްކުރުމާ ބެހޭ އަމުރު ބާތިލްކޮށްފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. 

 އެއާކު ސިނާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި މެމްބަރުންގެ ގޮނޑިއާމެދު ނިންމާފައިވާ ނިންމުން އޮތުމަކީ ގާނޫނު އަސާސީން ދައުލަތް ހިންގުމަށް ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުވައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ މަސްލަހަތުތަކެއް ގެއްލޭ ގޮތައް ކޮށްފައިވާ ކަމެއް ކަމަށް ދައުލަތުން ބުނާނަމަ އެކުށް ކުރިކަމުގެ ތުހްމަތު މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަމުން ގެންދަވާ ތިން ފަނޑިޔާރުނަށް ތުހްމަތު ކުރެވޭ ކަމަށެވެ. ސަބަބަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރު ރިވިއުކޮށް އަލުން އަމުރުގެ ބައިތަކެއް މިހާރު މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ބާތިލް ކުރެއްވިއިރުވެސް އެބައި ބާތިލްކޮށްފައި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެހެންމެ ޖުޑިޝަލް ސާވީސް ކޮމިޝަނުން ވެސް އަދި ފިޔަވަޅެއް އަޅާފައި ނުވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ނެރުއްވާފައިވާ އަމުރާ ގުޅޭ ގޮތުން އެ ފަދަ ތުހްމަތުތަކެއްކޮށް ދައުވާއެެއް އުފުލި ކޯޓުގައި އެ ވާހަކަތައް އެގޮތަށް ދެއްކޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ސިނާންގެ ވަކީލު ވިދާޅުވި އެވެ. އަދި އެއީ ފަނޑިޔާރުންގެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވާތީ އެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ވެސް ކުރިއަށް ގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

 އެހެން ނަމަވެސް މައްސަލަ ބައްލަވަން އިންނެވި ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ އެހެން އެގޮތަށް ތުހްމަތު ނުކުރެވޭނެ ކަމަށާއި އަމުރު ނެރުނީ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ދައުލަތުން ބުނާ ކަމަށެވެ.

އޭގެ ރައްދުގައި ނޫރުއް ސަލާމް ވިދާޅުވީ ރިޝްވަތު ދިން ކަމުގެ ތުހްމަތު ސިނާންގެ މައްޗަށް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް އޭނާގެ މައްޗަށް ކުރީ ރިޝްވަތު ހިފައިގެން އޭނާގެ މެމްބަރުކަން ވެސް ނުގެއްލޭނެ ގޮތަށް އަމުރެއް ނެރުއްވި ކަމުގެ ތުހްމަތު ކަމަށެވެ. އަދި ގައުމީ ސަލާމަތައް ނުރައްކާތެރިވާ ކަމަށް އަމުރުގައި ބަޔާންކޮށްފައިވާ ބައި މިހާތަނަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވެސް ބާތިލްކޮށްފައިނުވާއިރު ތިން ފަނޑިޔާރުން ބާތިލް ކުރައްވާފައި ވަނީ ނުވަ ބޭފުޅަކު ދޫކޮށްލަން ކުރެއްވި އަމުރު ކަމަށް ވެސް ނޫރުއް ސަލާމް ވިދާޅުވި އެވެ. އަދި މެމްބަރުންގެ ގޮނޑިއާމެދު އެކެއް ފެބްރުއަރީ ގައި ނެރުނު އަމުރުގައިވާބަޔަށް އަމަލު ކުރަން ވަގުތީ އަމުރަކުން ހުއްޓާލުމަށް 18 ފެބްރުއަރީގައި އަމުރެއް ނެރުނުއިރު އަދިވެސް އެބައި ބާތިލްކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

 ދައުލަތުން ވަނީ މި މައްސަލަ ސިނާންގެ މައްޗަށް ސާބިތު ކުރުމަށް 32 ހެއްކެއް ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި 16 މީހެއްގެ  ހެކިބަސް ސިއްރުން ނެގުމަށް އެދުނުއިރު ހަތަރު ލިޔުމެއް ސިއްރު ލިޔުންގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ. އަދި 8 ފުލުހެއްގެ ހެކިބަސް ނެގުމަށް ވެސް ހުށަހަޅާފައިވެ އެވެ.

ހެކިހުށަހެޅި ސަބަބުތަކަށްބަލާއިރު ހިމެނެނީ ސިނާން ރިޝްވަތު ހިފާފައިވާކަމާއި އޭނާ ވަކި ގޮތަކަށް އަމަލުކުރުމަށް ދިއްގަރުދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު އިރުޝާދުދީފައިވާކަން އެނގޭނެ ލިޔުންތަކެއް ހުރި ކަޅުފޮއްޓެއް ފެނުން ކަމަށް ސާބިތު ކޮށްދިނުމަށެވެ. އަދި އެހެންމެ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ދޫކޮށްލި ދެ މީހަކު މާލެގެނައުމަށް ލޯންޗަށް އަރުވާފައި ތިއްބައި، އެ އަމުރު ނެރުނީ ރިޝްވަތުދީގެން ކަމަށް އެމީހުން ބުނި އަޑުއެހި މީހެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށް ވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ. ދެ ފަރާތުން ދެއްކި ވާހަކަތަކަށް ބެލުމަށް ފަހު ގާޒީ ނިންމެވީ އެހެން ކަމުން މިއީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށެވެ.

އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން މި މަހުގެ 30 ވަނަ ދުވަހުގެ 12.00ގެ ކުރިން ހުށައަޅަން ވަނީ ފުރުސަތު ދެއްވާފަ އެވެ.   ސިނާންގެ އިތުރުން އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އެހެން ސިޔާސީ ބޭފުޅުންގެ މައްޗަށް ދައުވާތަކެއް އުފުލާފައިވާއިރު އެ އެ މައްސަލަތައް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްއެބަދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް