ދިވެހި ސަރުކާރުން އަބާދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ސަތޭކަ މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކާލައިފިއެވެ.
ފިނޭން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބޮންޑު ވިއްކައިގެން ލިބޭ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުން ހިންގަމުންދާ އަދި ރާވާފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ކާމިޔާބުކަމާ އެކު ޕްލޭސް ކުރި 100 މިލިއަން ޑޮލަރުގެ ބޮންޑަކީ 5.5 ޕަސެންޓުގައި ކޫޕަން ރޭޓުގެ، ފަސް އަހަރުގެ މެޗޫރިޓީ ބޮންޑެއް ކަމަށެވެ. އެ ބޮންޑަކީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ވިއްކާފައިވާ ބޮންޑެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އަބޫދާބީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އެ ބޮންޑަށް ފިޗް ރޭޓިންގްސް އިން ދީފައި ވަނީ ބީ ޕްލަސްގެ ރޭޓިން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ބޮންޑް ޕްލޭސް ކުރުމުގައި ލީޑް މެނޭޖަރެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ވަނީ ފަސްޓް އަބުދާބީ ބޭންކުން ކަމަށެވެ.
އެ ބޮންޑަކީ ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ މާލި ބާޒާރުގައި ލިސްޓުކޮށްފައިވާ ދެ ވަނަ ބޮޑެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ބޮންޑެއް ލިސްޓުކޮށްފައި ވަނީ މިދިޔަ އަހަރު ސިންގަޕޯ ސްޓޮކް އެކްސްޗޭންޖުގައެވެ.