ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 16:37
ޗެމްބަލިންއަށް އަނިޔާވެ ދަނޑުމަތީގައި
ޗެމްބަލިންއަށް އަނިޔާވެ ދަނޑުމަތީގައި
ގެޓީ އިމޭޖަސް
އޮކްސްލޭޑް ޗެމްބަލިން
އަނިޔާވެ ޗެމްބަލިންއަށް ވޯލްޑް ކަޕް ގެއްލިއްޖެ
އޭނާއަށް މި ސީޒަނުގައި އިތުރު މެޗެއް ނުކުޅެވޭނެ
ޗެމްބަލިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިންއަށް އަނިޔާވެ އޭނާއަށް އަންނަ ޖޫން މަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕް ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ.  

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އޭނާއަށް އަނިޔާވީ ރޯމާގެ އެލެކްޒެންޑާ ކޮލަރޯވް އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. މި އަނިޔާގެ ސަބަބުން މެޗުގެ 15 ވަނަ މިނެޓުގައި އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. ބުދަ ދުވަހު ހެދި ސްކޭންތަކުން ދައްކާ ގޮތުގައި ޗެމްބަލިންގެ ކަކުލުގެ ލިގަމެންޓަށް ވަނީ އަނިޔާވެފައެވެ.

ލިވަޕޫލްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޗެމްބަލިންގެ ލިގަމެންޓަށް ވެފައިވާ އަނިޔާއާއެކު އޭނާއަށް މި ސީޒަނުގައި އިތުރު މެޗެއް ނުކުޅެވޭނެ ކަމަށާއި އަދި ރަޝިއާގައި އޮންނަ ވޯލްޑް ކަޕްގައި އިނގިރޭސި ގައުމީ ޓީމަށް ވެސް އޭނާއަށް ނުކުޅެވޭނެ ކަމަށެވެ. މި ބަޔާނުގައި ވަނީ އޭނާގެ ރިކަވަރީގެ ކަންކަން ވަރަށް ގާތުން މޮނީޓަރ ކުރެވިގެންދާނެ ކަމަށާއި ފުލް ފިޓްނެސްއަށް ވީހާވެސް އަވަހަށް އޭނާ ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އަންނަ ސީޒަން ފެށޭއިރު އޭނާ ހުންނާނީ ފިޓް ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް ލިވަޕޫލްއިން ވަނީ ބުނެފައެވެ.

ޗެމްބަލިން ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި ބޮޑު އަނިޔާ ކުރިމަތިވުމަކީ އޭނާ ވަރަށް ހިތާމަކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއަށް އިތުރު މެޗެއް ނުކުޅެވުމާއި ވޯލްޑް ކަޕް ގެއްލުމަކީ ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. ޗެމްބަލިންގެ ބަޔާނުގައި ވަނީ މިހާރު އޭނާއަށް ކުރެވޭނެ ކަމަކީ ކުޅުންތެރިންނަށް ސަޕޯޓު ދިނުން ކަމަށާއި ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ރަނގަޅު ނަތީޖާއަކާއި ހަމަޔަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހަމައެހެންމެ އޭނާ ވަނީ ފުލް ފިޓްނެސްއަށް އައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ބުނެފައެވެ. ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފަރާތުން ލިބެމުންދާ މެސެޖުތަކަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އުމުރުން 24 އަހަރުގެ ޗެމްބަލިންއަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭއިރު އޭނާގެ ޓީމު ކަމަށްވާ ލިވަޕޫލް ވަނީ ފުރަތަމަ ލެގުގައި 5-2 އިން ރޯމާ ބަލިކޮށްފައެވެ. އާސެނަލް ދޫކޮށް 35 މިލިއަން ޕައުންޑްގެ ފީއަކަށް ލިވަޕޫލްއަށް ބަދަލުވުމަށް ފަހު ޗެމްބަލިން އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މި ސީޒަނުގެ މިހާތަނަށް ކުޅުނު 41 މެޗުގައި ފަސް ލަނޑު ޖަހާފައެވެ.

އިނގިރޭސި ގައުމީ ޓީމަށް 32 މެޗު ޗެމްބަލިން ކުޅެފައިވާއިރު އޭނާއަށް ވޯލްޑް ކަޕް ގެއްލުން ވެގެންދާނީ އިނގިރޭސި ގައުމީ ޓީމަށް ލިބޭ ބޮޑު ހީނަރު ކަމަކަށެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި އިނގިރޭސިވިލާތް ހިމެނިފައިވަނީ ބެލްޖިއަމް އަދި ޓިއުނީޝިއާގެ އިތުރުން ޕެނަމާއާއެކު ގްރޫޕް ޖީގައެވެ.

- ކޮމެންޓް