ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޖެހިޖެހިގެން ތިންވަނަ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ރެއާލް މެޑްރިޑްއިން ބޮޑުކޮށްފިއެވެ.
ބަޔާން މިއުނިކްގެ ދަނޑު ކަމަށް އެލަޔަންޒް އެރީނާގައި ކުޅުނު މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލްއެވެ. މިއީ މި ދެ ޓީމުގެ މެދުގައި ޔޫރަޕުގެ އެންމެ ވަރުގަދަ ފުޓްބޯޅަ މުބާރާތުގައި ކުޅެވުނު 25 ވަނަ މެޗަށްވާއިރު ރެއާލް ސެމީއަށް ދަތުރުކުރީ 4-3 އިން އިޓަލީގެ ޔުވެންޓަސް ކުއާޓާގައި ބަލިކޮށްގެންނެވެ. ހަމައެހެންމެ ބަޔާން ސެމީއަށް ދަތުރުކުރީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ސެވިއްޔާ ބަލިކޮށްގެންނެވެ.
މި މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިން ބޮޑު ބަދަލުތަކެއް ފެނިގެންދިޔައިރު ކަރިމް ބެންޒޭމާ އަދި ގެރެތު ބޭލް މި މެޗުގައި ކުޅެފައެއް ނުވެއެވެ. ހަމައެހެންމެ ބަޔާންގެ ފުރަތަމަ އެގާރައިން ތިއާގޯ އަލްކަންޓާރާއަށް ފުރުސަތު ދީފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ބަޔާންއިންނެވެ. ބަޔާންގެ ފަރާތުން ހަމަލާ އުފެއްދުމަށް މަސައްކަތްކުރަމުން ދަނިކޮށް އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާވުމުގެ ސަބަބުން މެޗުގެ އަށްވަނަ މިނެޓުގައި އާޔެން ރޮބެން ދަނޑުން ބާލަން ޖެހުމެވެ. މި ބަދަލަށް ފަހު ބާޔާންގެ ކުޅުން ވަރުގަދަ ކުރުމުގެ ނަތީޖާއެއްގެ ގޮތުން ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 28 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ޖޯޝުއާ ކިމިޗް ވަނީ ބަޔާންއަށް މެޗުގެ ލީޑު ނަގާފައެވެ.
ރެއާލްގެ ކުޅުން މި ލަނޑަށްފަހު ރަނގަޅު ކުރިއިރު އެ ޓީމަށް ލަނޑު ޖެހުމަށް މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. މި ހާފުގައި ބަޔާންއަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިވެގެންދިޔައީ އެންމެ ފަހަތަށް ކުޅުނު ޖެރޯމް ބޮޓެންގްއަށް އަނިޔާވެ އޭނާ ވެސް ދަނޑުން ބާލަން ޖެހުމާއި ވިދިގެންނެވެ. ބަޔާންގެ ކުޅުންތެރިން ރެއާލްގެ ގޯލަށް ނުރައްކާކުރަމުން ދަނިކޮށް ލިބުނު ފުރުސަތެއްގައި މާސެލޯ ވަނީ ހިތްގައިމު ލަނޑެއް ޖަހާ ރެއާލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައެވެ. ބަޔާންއިން ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުން ދަނިކޮށް ފުރިހަމަ ކައުންޓާ އެޓޭކެއްގައި މާކޯ އަސެންސިއޯ ވަނީ ލަނޑެއް ޖަހާ ރެއާލްއަށް ލީޑު ނަގައިދީފައެވެ. މި ލަނޑަށްފަހު ރެއާލްއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު މެޗުގެ 71 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑެއް، ލަނޑެއްގެ ގޮތުގައި ބަލާފައެއް ނުވެއެވެ. ބަޔާންއިން އެ ޓީމުގެ ކުޅުން މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ވަރުގަދަކުރިއިރު އެ ޓީމުން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ރެއާލްގެ ކީޕަރު ކޭލާ ނަވާސްއެވެ.
މި މެޗުގައި ޖެހި ލަނޑާއެކު މާސެލޯ ވަނީ މި ސީޒަނުގެ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ތިން ލަނޑު ޖަހާފައެވެ. މިއީ އޭނާގެ ކެރިއަރުގައި އެއް ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ސީޒަނަށްވާއިރު ހަތް ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުތަކުގައި އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ވެސް މާސެލޯއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބެންޗުން ކުޅެން އެރި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ އަސެންސިއޯއެވެ. ހަމައެހެންމެ ޖެހިޖެހިގެން 10 މެޗުގައި ރޮނާލްޑޯ ލަނޑު ޖެހުމުގެ ސިލްސިލާއަށް މި މެޗާއެކު ވަނީ ނިމުމެއް އައިސްފައެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ރެއާލްގެ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނަބެއުގައެވެ.