މާފުށީގައި ހައްޔަރުކޮށްފައި ހުންނަވަނީ އެއްވެސް މީހަކާ ވާހަކަ ނުދެއްކޭނެ ގޮތަށް ކަމަށާއި އެގޮތަށް އޮންނަވަން ޖެހުމުން "ސިކުނޑި މޮޔަވާނެ" ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އެމަނިކުފާނު ވަނީ ހައްޔަރުކޮށް، އަމަލުކުރަމުންދާ ގޮތާ މެދު ވާހަކަ ދައްކަވާފައެވެ.
ގާނޫނާ ހިލާފަށް އެމަނިކުފާނު ހައްޔަރުކޮށް އަމަލު ކުރަމުންދަނީ އެންޓިޓޯޗަރ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެން ނަމަވެސް ހައްޔަރުކޮށްފައި ތިއްބެވި ރައްޔިތުން މަޖިލީހުގެ އެހެން މެމްބަރުންނަށް ވެސް އެހެން މީހުންނާ ވާހަކަ ދެއްކެވޭ އިރު އެމަނިކުފާނު އޮންނަވަނީ އެކަހަރި ތަނެއްގައި، އެކަކާ ވެސް ވާހަކަ ނުދެއްކެވޭ ހާލަތެއްގައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ބައްލަވަން އިންނެވި ގާޒީ އާދަމް އާރިފު ވިދާޅުވީ ހައްޔަރު ކުރެވިފައި ހުންނެވީ ބަލަމުންދާ މައްސަލައާ ގުޅިގެން ނޫން ކަމަށާއި، އެއްވެސް މީހަކާ ވާހަކަ ނުދެއްކޭ ގޮތަށް އެކަހަރިކޮށް ބާއްވަން އެ ކޯޓުގެ ގާޒީއަކު އަމުރު ކުރައްވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެގޮތަށް ކަން ހިނގާ ނަމަ އެއީ ގާނޫނާ ހިލާފަށް ކުރައްވާ ކަމަކަށް ވެދާނެ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވިއެވެ.
މި އަޑުއެހުމުގައި، ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އަބްދުﷲ ސައީދު ވިދާޅުވީ ޝަރީއަތް ކުރެވެމުންދަނީ އަދި އެމަނިކުފާނާ މެދު އަމަލު ކުރަމުންދަނީ ގާނޫނު އަސާސީ އާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ވެސް ހިލާފަށް ކަމަށެވެ.
އެމަނިކުފާނު ހައްޔަރުކުރި ގޮތުގެ ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓު ފުނޑާލައި، ވަނުމަކީ ބޮޑުކުށެއް ކަމަށެވެ. އަދި އެކަން ކުރި މީހުންގެ މައްޗަށް އެ ވަގުތު ވެސް އަދަބު ކަނޑައެޅުއްވި ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކަކީ ވެސް ސުޕްރީމް ކޯޓު ފުނޑާލައި ހިންގި ކަންކަން ފޮރުވަން ކޮށްގެން އުޅޭ ކަންކަން ކަމަށް ވެސް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
އެ މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅުތައް ގެންދަވަން ފެއްޓެވުމުން މައްސަލަ ބައްލަވަން އިންނެވި ގާޒީ އާދަމް އާރިފު ވަނީ ދައުލަތުގެ މުވައްސަސާތަކަށް ނިސްބަތްކޮށް ވާހަކަ ދައްކަވާއިރު ބަސްމަގު ރަނގަޅަށް ބެހެއްޓެވުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ހަމައެއާ އެކު އުއްތަމަ ފަނޑިޔާރު ވަނީ ގާނޫނާ ހިލާފަށް ކުރި ކަންތައްތަކަށް ކިޔާނެ އެހެން ނަމެއް އޮންނާނެތޯ ސުވާލު ކުރައްވާފައެވެ. އަދި ގާނޫނާ ހިލާފަށް ކުރިކަން ކަމަށް ކިޔަންވީ ގާނޫނާ އެއްގޮތަށް ކުރި ކަމަކޭތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން 1 ފެބްރުއަރީގައި ނެރުނު އަމުރާ ގުޅޭ ގޮތުން މި އަޑުއެހުމުގައި ވެސް އަބްދުﷲ ސައީދު ވިދާޅުވީ ހުކުމް ތަންފީޒު ނުކުރުމަކީ އޭގެ ޒާތުގައި ހުކުމް ބާތިލްވާނެ ސަބަބެއް ނޫން ކަމަށެވެ. އުއްތަމަ ފަނޑިޔާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ.