ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 18:35
މި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހި ސެންޓޭ، އުމައިރު އާއެކު އުފާފާޅުކުރަނީ
މި މެޗުގައި ނިއުގެ ފުރަތަމަ ލަނޑު ޖެހި ސެންޓޭ، އުމައިރު އާއެކު އުފާފާޅުކުރަނީ
އިމޭޖަސް.އެމްވީ
އޭއެފްސީ ކަޕް 2018
ތާރީހީ މޮޅަކާއެކު ނިއު ގްރޫޕްގެ އެއްވަނައަށް
މި މެޗު ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން
ބެންގަލޫރަށް މާ އެދެވޭ ކުޅުމެއް މި މެޗުގަައި ދެއްކިފައެއް ނުވޭ
ރާއްޖޭގެ ޓީމުތަކާއި ދެކޮޅަށް ބެންގަލޫރުން ދަމަހައްޓަމުން އައި ސަތޭކަ އިންސައްތަ ރެކޯޑަށް ވަނީ ނިމުމެއް އައިސްފައި

އޭއެފްސީ ކަޕްގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް މެޗު ކާމިޔާބުކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނިއުއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗާއި ބެންގަލޫރުން ކުރިމަތިލިއިރު ރާއްޖޭގެ ޓީމަކާއި ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެއެވެ. މި ދެ ޓީމު އިންޑިއާގައި ކުޅުނު މެޗު ފަހު ވަގުތު ޖެހި ލަނޑުން ކާމިޔާބުކުރީ ބެންގަލޫރެވެ. އެހެންކަމުން މި މޮޅާއެކު ނިއުއަށް ވަނީ ގްރޫޕުގެ އެއްވަނަ މަގާމު ލިބިގެންގޮސްފައެވެ.

ބެންގަލޫރުގެ ފުރަތަމަ އެގާރާގައި ކެޕްޓަން ސުނިލް ޗެތުރީ ހިމަނައިގެން އެ ޓީމު ނުކުތްއިރު އެ ޓީމަށް މާ އެދެވޭ ކުޅުމެއް މި މެޗުގައި ދެއްކިފައެއް ނުވެއެވެ. ނިއުގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު ނިއުއިން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނިއުގެ ފޯވާޑުން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގުމެވެ. މި ލަނޑު އަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މި ލަނޑަށްފަހު ވެސް ނިއުއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު މި ހަމަލާތައް ހުއްޓުވުމަށް ބެންގަލޫރުގެ ކީޕަރު ވަނީ ގިނަ ސޭވްތަކެއްކޮށްފައެވެ.

އެއް ލަނޑުގެ ލީޑެގައި އޮވެ ނިއުއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ތިން މިނެޓު ނުވަނީސް ދެވަނަ ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ދަގަނޑޭއެވެ. މި ލަނޑަށް ފަހުވެސް ނިއުގެ ކުޅުންތެރިންނަށް ވަނީ ލީޑު ފުޅާކުރުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ވަކިން ހާއްސަކޮށް ސެންޓޭއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވެސް ސެންޓޭއަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔައިރު އޭނާގެ ހަމާލައެއް ވަނީ ހުރަސް ދަނޑިއަށް ވެސް އަމާޒުވެފައެވެ.

މި މޮޅާއެކު ނިއުއިން ވަނީ ރާއްޖޭގެ ޓީމުތަކާއި ދެކޮޅަށް ބެންގަލޫރުން ދަމަހައްޓަމުން އައި ސަތޭކަ އިންސައްތަ ރެކޯޑަށް ނިމުމެއް ގެނެސްފައެވެ. އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެއްވަނަގައި އޮތީ ނިއުއެވެ. އެ ޓީމަށް ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބޭއިރު ދެވަނަގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ބެންގަލޫރެވެ. ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝްގެ ޑާކާ އަބްހާނީ އޮތްއިރު ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާއެކު އޮތީ އިންޑިއާގެ އައިޒޯލް އެފްސީއެވެ.

- ކޮމެންޓް