ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ހޯދުމަށް ބަޔާން މިއުނިކް އިން މަސައްކަތްކޮށްފި ނަމަ އެ ޓީމަށް ނޫނެކޭ ނުބުނާނެ ކަމަށް އޭނާ ބުނެފިއެވެ.
ރެއާލްގައި ބޭލްއަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭ އިރު މީގެ ކުރިން ވެސް އޭނާ ބަޔާން އަށް ބަދަލުވާން އުޅޭކަމުގެ ރިޕޯޓުތަކެއް މީޑިއާގައި ފެތުރިފައިވެއެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލްއާ ގުޅުނު ބޭލް ވަނީ މި ސީޒަނުގައި އެ ޓީމަށް 14 ލަނޑު ޖަހައިދީފައެވެ. އޭނާގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިއެއް ކަމަށް ވާ ޖޯޖޭ ވަލްޑާނޯ ބުނެފައި ވަނީ ބޭލްއަށް ރެއާލް އިން ދިން އަގު އަދާކުރުމަށް އޭނާ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށެވެ.
ޖަރުމަނުގެ ކުޅިވަރު މަޖައްލާއަކަށް ދިން އިންޓަވިއުއެއްގައި ބޭލް ބުނީ ފުޓްބޯޅައިގައި އެއްވެސް ކަމަކަށް ނޫނެކޭ ބުނެވޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ. އޭނާ ބުނީ މިވަގުތު އޭނައަކީ ރެއާލްގެ ކުޅުންތެރިއެއް ކަމަށާއި މަސައްކަތްކުރަމުންދަނީ އެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ހޯދަން ކަމަށެވެ. އޭނާ ބުނީ ބަޔާންގައި އޮތީ ވަރަށް މޮޅު ޓީމެއް ކަމަށާއި އެ ޓީމަކީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ޔޫރަޕުގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ގުނާލެވޭ ޓީމެއް ކަމަށެވެ. އެފަދަ ޓީމަކަށް އޭނާ ގެންދަން އުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެހެން ނަމަވެސް އަދި އެގޮތަށް ކަންކަން ހިނގާފައިނުވާ ކަމަށް ބޭލް ބުނެފައިވެއެވެ.
ބަޔާންއަށް ބޭލް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓުތައް ބުނަމުންދާއިރު އޭނާގެ ބަދަލުގައި ބަޔާންއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ރެއާލްއަށް ގެންދާނެ ކަމަށް ބެލެވެ. މި ސީޒަނުގެ މިހާތަނަށް 39 ލަނޑު ލެވަންޑޯސްކީ ޖަހާފައިވާއިރު ބޭލް ވަނީ ލެވަންޑޯސްކީއަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ލެވަންޑޯސްކީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބޭލް ބުނީ އޭނާއަކީ ރެއާލްއަށް ކުޅުމުގެ ހުރިހާ ކޮލިޓީއެއް ހުރި ކުޅުންތެރިޔެއް ކަމަށާއި މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ލެވަންޑޯސްކީ ގުނާލެވޭ ކަމަށެވެ. ބޭލް ބުނީ ލެވަންޑޯސްކީ ކުޅޭ ނަމަ ބަޔާންއަށް ގޯލު ޖެހޭނެކަން ޔަގީންވާ ކަމަށާއި ޗެމްޕިއަންސް ލީގުގައި ބަޔާންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
ބަޔާން މިއުނިކަށް ބޭލް ގެންދަން އުޅޭ ކަމަށް ރިޕޯޓުތައް ބުނާއިރު އެންމެ ބޮޑަށް ބެލެވޭ ގޮތުގައި އޭނާ ބަދަލުވާނީ އިނގިރޭސިވިލާތުގެ ޓީމަކަށެވެ. އެގޮތުން ބޭލް ހޯދުމަށް ޕްރިމިއާ ލީގުގެ އެންމެ ބޮޑު ޓީމުތައް ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި ޓޮޓެންހަމްއިން ދަނީ މަސައްކަތްކުރަމުންނެވެ.