އަންނަ ސީޒަނުގައި އާސެނަލްގެ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޕެޓްރިކް ވިއެރާ ހަވާލުވާން އުޅޭ ކަމުގެ އިޝާރާތެއް ދީފިއެވެ.
މިވަގުތު ވިއެރާ އަންނަނީ އެމެރިކާގެ މޭޖަރ ލީގު ސޮކާގެ ނިއު ޔޯކް ސިޓީ އެފްސީގެ ކޯޗުގެ މަގާމު އަދާކުރަމުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވުމާއެކު އާސެނަލްގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މޭޖާރ ލީގު ސޮކާގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި ވިއެރާ ދެކޭއިރު އޭނާއަކީ ވެންގާގެ އިރުޝާދުގެ ދަށުން ގިނަ ކާމިޔާބުތަކެއް ހޯދި ކުޅުންތެރިއެކެވެ.
އާސެނަލްގެ ކޯޗުގެ މަގާމަށް އާ މީހަކު ހޯދަމުންދާއިރު އެ މަގާމަށް ވިއެރާގެ އިތުރުން ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗު ޔޯކިމް ލޯ އަދި އޭސީ މިލާނާއި ރެއާލްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޯޓީ އައުން ވެސް އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ސީޒަނަށް ފަހު އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެ ކަމަށް ވެންގާ ބުނެފައިވާއިރު އާ ކޯޗެއް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އާސެނަލްގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުން ވިއެރާ ބުނީ އެ މަގާމަށް އޭނާ ގެންދިޔުމަށް އަދި އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށާއި ސީޒަނުގެ ނިޔަލަށް ނިއު ޔޯކް ސިޓީ އެފްސީއާއެކު ކޮންޓްރެކްޓެއް އެބައޮތް ކަމަށެވެ. އޭނާ ބުނީ މިއީ ޓީމަކާއެކު އޭނާ ހަދާނެ އެންމެ ފަހު ކޮންޓްރެކްޓް ކަމަށް ގަބޫލުކުރާ ކަމަށެވެ. ކޮންޓްރެކްޓް ހަމަވުމަށް ފަހު ކޮންމެ ކަމެއް ވެސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސީޒަން ނިމެންދެން ގޮތެއް ނިންމަން މަޑުކުރަން ޖެހޭ ކަމަށް ވިއެރާ ބުނެފައިވެއެވެ.
އާސެނަލްގެ ކޯޗުގެ މަގާމު ދޫކޮށްލާނެކަން ވެންގާ އިއުލާނުކުރުމާ އެކު އެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރެވިގެންދާނީ ވިއެރާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެއީ އޭނާއަކީ އާސެނަލްގެ ކުރީގެ ކެޕްޓަނަށް ވުމާ އެކު ވެންގާ ވެސް ސީދާ އޭނާ އެ މަގާމަށް ގެންނަން ބޭނުންވާނީ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ވިއެރާއާއެކު އާސެނަލްއަށް ކުޅުނު ސޯލް ކޭމްޕްބެލް ވެސް ވަނީ ވިއެރާ އެ މަގާމަށް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އުމުރުން 41 އަހަރުގެ ވިއެރާ ބުނެފައި ވަނީ ޔޫރަޕުގެ ބޮޑު ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާން އޭނާ ހުރީ ތައްޔާރަށް ކަމަށާއި އެމެރިކާގައި އޭނާ އަށް ލިބެމުންދަނީ ވަރަށް އަގުހުރި ތަޖުރިބާތަކެއް ކަމަށެވެ. ވިއެރާ ބުނީ ޔޫރަޕްގެ ބޮޑު ޓީމެއްގެ ކޯޗެއްގެ މަގާމާ އޭނާ ގުޅިފައިވުމަކީ ލިބޭ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އެކަމުން ދައްކުވައިދެނީ އޭނާ ކުރަމުންދާ މަސައްކަތަކީ ރަނގަޅު އަދި މީހުން ބަލައިގަންނަ މަސައްކަތެއް ކަމަށެވެ.
އާސެނަލްގެ ކޯޗުގެ މަގާމަށް ވިއެރާ ހަމަޖެހިގެންދާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ ދޫކޮށްލާ ދުވަހަކުން އެ ޓީމުގެ ކޯޗަކަށް އޭނާ ގެންގޮސްފާނެ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.
އާސެނަލްއާ އެކު ނުވަ ތަށްޓެއް ކާމިޔާބުކޮށްފައިވާ ވިއެރާ ވަނީ އެ ޓީމަށް 406 މެޗު ކުޅެދީފައެވެ.