ކ. މާލެ
|
25 އޭޕްރިލް 2018 | ބުދަ 18:09
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ޖިނާއީ ކުށް ސާބިތުވުމުން ފަނޑިޔާރުން ވަކިވާ އިސްލާހު ބާތިލެއް ނުކުރި
ހާލަތުލް ޟަރޫރާގެ ދަށުން ބިލު ފާސްކުރެވިދާނެ
ބިލު ފާސްކުރީ ގާނޫނީ އަދަދު މަޖިލީހުގައި ނެތީސް
ހާލަތުލް ޟަރޫރާ އާންމު ހާލަތަކަށް ނުހިނގާނެ

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ އެ ގާނޫނު ފާސްކުރަން ޖެހޭ ގާނޫނީ އަދަދު މަޖިލީހުގެ ތަޅުމުގައި ނެތީސް ކަމަށެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރަން ލާޒިމުކުރާ ގާނޫނެއް ކަމަށާއި އެ ގާނޫނު ފާސްކުރަން ޖެހޭނީ 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވާ ޖަލްސާއެއްގައި ކަމަށް ހުކުމްގައި ވެެއެވެ. ނަމަވެސް އެ ބިލު ފާސްކުރި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވީ 39 މެމްބަރުން ކަމަށާއި އެ ގާނޫނު ފާސްކުރަން ވޯޓު ދެއްވީ 36 މެމްބަރުން ކަމަށް ހުކުމްގައި ވެއެވެ.

ނަމަވެސް އެ ގާނޫނު ފާސްކުރަންޖެހޭ ގާނޫނީ އަދަދު ނެތި، ސިންޕަލް މެޖޯރިޓިއަކުން އެ ގާނޫނު ފާސްކޮށްފައި ވަނީ "ޑޮކްޓަރިން އޮފް ނެސަސެޓީ" ނުވަތަ "ހާލަތުލް ޟަރޫރާ"ގެ ދަށުން ކަމަށް ދައުލަތުން ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާތީ، ހުކުމްގައި ބުނެފައި ވަނީ އެއީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށެވެ. ހާލަތުލް ޟަރޫރާއަކީ ދުސްތޫރީ ގޮތުން އަމަލު ކުރާ ހާލަތެއް ކަމަށާއި އެ ހާލަތު ހިނގާނީ ކަމެއް ހައްލު ނުކުރެވޭ ހާލަތުގައި އިޔާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކުރިމަތިވާ ދަނޑިވަޅުތަކުގައި ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ބުނެފައިވެއެވެ. އެ ހާލަތަކީ އާންމު ހާލަތުގައި ހުއްދަވާނެ ހާލަތެއް ނޫން ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ގާނޫނީ މަސައްކަތް ނުކުރެވި ހުއްޓިފައި ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. ގަބޫލު ނުކުރެވޭ ކަންތައްތަކެއް މަޖިލީހުގައި ހިނގާތީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުން ފެށިގެން މަޖިލީހުގައި ނަގާ ވޯޓުތަކުގައި 43 މެމްބަރަކު ތަކުރާރުކޮށް، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވަނީ ގަސްތުގައި ކަމަށާއި މަގުބޫލު އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވުމަކީ މެމްބަރުންނަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ވެސް ހުކުމްގައި ވެއެވެ.

އެހެންކަމުން މަޖިލިސް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ހާލަތުލް ޟަރޫރާއަކީ އަމަލު ކުރެވިދާނެ ހާލަތެއް ކަމަށާއި އެގޮތުން ފަނޑިޔާރުންގެ ގާނޫނަކީ މިހިނދުން މިހިނދަށް ފާސްކުރަންޖެހޭ ބިލެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ، އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާސްކޮށް، މަޖިލީހަށް ހުށަހަޅައި އެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ފާސްކޮށްގެންނެވެ.

ނަމަވެސް ޕީޕީއެމުން މަޖިލީހަށް ހުށަހަޅައި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ފާސްކުރި ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ، އެ ފަނޑިޔާރެއްގެ މައްޗަށް ކުރާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. ނިހާއީ ހުކުމްތަކަކީ ޝަރުއީ ހުރިހާ މަރުހަލާތަކެއް ފުރިހަމަކޮށްފައިވާ ހުކުމްތަކެވެ. ނަމަވެސް އިސްތިއުނާފު ކުރަން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުކުމް އިސްތިއުނާފު ނުކޮށްފި ނަމަ، އެ ހުކުމަކީ ނިހާއީ ހުކުމަކަށް ވެދެއެވެ.

ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނިކޮށް، ގާނޫނުއަސާސީއާ ހިލާފަށް ގާނޫނެއްގައި ފަނޑިޔާރުން ވަކިނުކުރެވޭނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ކޯޓުގައި ފާހަގަކޮށްފައި ވާތީ، ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ފަނޑިޔާރުން ވަކިކުރެވޭނެ އެހެން ހާލަތްތަކެއް ގާނޫނެއްގައި ކަނޑައެޅިދާނެ ކަމަށެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ކަމަށާއި ސަބަބަކީ ފަނޑިޔާރަކީ އާންމު މީހުންނަށް ވުރެ، އަހުލާގީ ގޮތުން މާ ރަނގަޅު ސިފަތަކެއް ހުންނަންޖެހޭ ބައެއް ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި ހަނަފީ މަޒުހަބުން އެނގޭ ގޮތުގައި އިންސާފުކަނޑައަޅާ ގާޟީންނަކީ އަދުލުވެރި މީހުންނަށް ވާންޖެހޭނެ ކަމަށާއި ބޮޑެތި ފާފަތައް ނުކުރާ އަދި ކުދި ފާފަތައް ތަކުރާރު ނުކުރާ ބަޔަކަށް ވެސް ވާންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުން ފާސްކޮށް، ގައުމުތަކުން ބައިވެރިވެފައިވާ މުއާހަދާތަކާއި ޝަރީއަތް ކުރުމާގުޅޭ ބައިނަލް އަގުވާމީ އުސޫލުތަކާ ހަވާލާދީ ހުކުމްގައި ބުނެފައި ވަނީ އަދުލުވެރިކަމުގެ ސިފަ ނެތް، ފާސިގަކު ފަނޑިޔާރުކަމަށް އައްޔަންކޮށްގެން ނުވާނެ ކަމަށެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އެ ބޭފުޅުންގެ މައްޗަށް ދަށު ކޯޓުން ކުރާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅާ ހިސާބުން އޮޓަމެޓިކުން ފަނޑިޔާރުކަމުން ވަކިވާނެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން އެ ބޭފުޅުން ހުށަހެޅުއްވި މައްސަލަ ވެސް ނިންމާފައި ވަނީ "ހާލަތުލް ޟަރޫރާ"ގެ ދަށުން އެ ބިލު ފާސްކުރެވޭނެ ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް