ޔުއެފާ ޗެމްޕިއަންސް ލީގުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ތަފާތު މޮޅު ކުޅުމާއެކު އެ ޓީމު ބަލިކޮށް އިނގިރޭސިވިލާތުގެ ލިވަޕޫލް ފައިނަލާއި ގާތަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި 52000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބު ކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލް ސެމީއަށް ދަތުރު ކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ. ހަމައެހެންމެ ރޯމާ ސެމީގެ ޖާގައެއް ކަށަވަރު ކުރީ 4-4 އިން ބާސެލޯނާއާ އެއްވަރުކޮށް ރަށުން ބޭރުގައި ޖެހި ލަނޑުގެ އަދަދުން ތަފާތު ހޯދައިގެންނެވެ. މި މެޗަށް ދެ ޓީމުގެ ފަރާތުން ވެސް ނެރެފައިވަނީ އެ ޓީމަކަށް ނެރެވޭ އެންމެ ވަރުގަދަ ފުރަތަމަ އެގާރައެކެވެ.
ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ރޯމާގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެން ނަމަވެސް މި މެޗުގައި ލިވަޕޫލްއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާގެ ސަބަބުން އެ ޓީމުގެ މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިން މެޗުގެ 18 ވަނަ މިނެޓުގައި ދަނޑުން ބާލަން ޖެހުމެވެ.
މެޗުގެ ކުރީކޮޅު ކުޅުންތެރިޔަކު ބަދަލުކުރަން ޖެހުނު ނަމަވެސް ލިވަޕޫލްއިން ވަނީ ރޯމާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ހިތްގައިމު ލަނޑެއް ޖަހާ އެ ޓީމަށް މެޗުގެ 36 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މުހައްމަދު ސަލާހުއެވެ. މި ލަނޑަށް ފަހު ވެސް ލިވަޕޫލްއިން ތަކުރާރުކޮށް އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ސަލާހުއެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ޖަހައިދިންއިރު އެ ޓީމުގެ ފަސްވަނަ ލަނޑު އޭގެ ހަތަރު މިނެޓު ފަހުން ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. މި ދެ ލަނޑު ޖެހުމަށް ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ސަލާހުއެވެ. ލިވަޕޫލްގެ ފަސްވަނަ ލަނޑު ޖޭމްސް މިލްނާ ނަގައިދިން ކޯނަރަކުން އެ ޓީމަށް ޖަހައިދިނީ ފިރްމީނޯއެވެ.
މި ލަނޑުތަކަށް ފަހު ލިވަޕޫލް ފަރުވާކުޑަކޮށްލި މަންޒަރު ފެނިގެންދިޔައިރު އެކަމުގެ ފައިދާ ނަގައި ރޯމާއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 81 ވަނަ މިނެޓުގައި އެޑިން ޒެކޯ ޖަހައިދިންއިރު އެ ޓީމުގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ޑިއޭގޯ ޕެރޯޓީއެވެ.
މި މެޗުގައި ޖެހި ލަނޑާއެކު ސަލާހު ވަނީ މި ސީޒަނުގައި މިހާތަނަށް 43 ލަނޑު ޖަހާފައެވެ. ހަމައެހެންމެ މި ސީޒަނުގެ މިހާތަނަށް ފިރްމީނޯ އަދި ސަލާހު ޗެމްޕިއަންސް ލީގުގައި 10 ލަނޑު ޖަހާފައިވާއިރު ލިވަޕޫލްގެ ތާރީހުގައި ވެސް މި އަދަދަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް އެއް ސީޒަނެއްގައި ލަނޑު ޖެހިފައެއް ނުވެއެވެ. ހަމައެހެންމެ މި މެޗަކީ ލިވަޕޫލްގެ ކުރިޔަށް ކުޅޭ ތިން ކުޅުންތެރިން މި ސީޒަނުގައި އެއް މެޗެއްގައި ލަނޑު ޖެހި އަށްވަނަ ފަހަރެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ރޯމާގެ ދަނޑު ކަމަށްވާ ސްޓޭޑިއޯ އޮލިމްޕިކޯގައެވެ.