މަދުރަސީ މާހައުލުގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި، ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއް ސަސްޕެންޑްކުރުމާއި ގުޅިގެން އެ ސްކޫލްގެ ޓީޗަރުންތަކެއް ސްކޫލްގައި އިހުތިޖާޖު ކުރުމާއި ގުޅިގެން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންތަކެއް ކިޔަވައިދެއްވަން ކްލާސްތަކަށް ނުވަންނަވައި 24 އެޕްރިލް 2018 ވަނަ ދުވަހު ހެނދުނު އިހުތިޖާޖުގައި ތިއްބެވުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.
އެމްޑީޕީން ބުނީ އެކަން ބޮޑު ކަމަކަށް ވަނީ ޓީޗަރުން އިހުތިޖާޖު ކުރުމުން އެކަނި ނޫން ކަމަށާއި އެކަން ބޮޑުކަމަކަށް ވާ އެންމެ މުހިންމު ސަބަބަކީ، ޓީޗަރަކު ކްލާހެއްގައި ކިޔަވައި ދެމުން ގެންދަނިކޮށް ބޭރުން އެ ކްލާހަށް އައިސް ވަން ދަރިވަރަކު ކްލާހުން ބޭރުކުރަން ޓީޗަރ އުޅުމުން ޓީޗަރު މާރާމާރީ ހިންގީކަމަށް ބުނެ ޓީޗަރަށް ހަމަލާ ދޭން ދަރިވަރު އުޅުމެވެ. އަދި އެ ކަމާ ގުޅިގެން، ދަރިވަރާމެދު ފިޔަވަޅެއް އެޅުމުގެ ކުރިން ޓީޗަރު ސަސްޕެންޑް ކުރުމެވެ. ޓީޗަރުން ދެކެވަޑައިގެންނެވި ގޮތުގައި ސްކޫލުގައި ޓީޗަރުންނަށް ސަލާމަތް ކަމާއެކު މަސައްކަތް ކުރުމުގެ ޔަގީންކަމެއް ނެތެވެ. ސްކޫލްގައި ހިނގައިފާނެ ކަމެއްގައި އެ މީހުންނާ މެދު އިންސާފު ލިބިދާނެކަމުގެ އިތުބާރެއް ވެސް ނެތް ކަމަށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
މަޖީދިއްޔާ ސްކޫލްގައި މި ދިމާވި މައްސަލައާއި، ސްކޫލް ކުދިންގެ މެދުގައި މި އަހަރު ހިނގާފައިވާ ތަފާތު މިފަދަ އަހްލާގީ މައްސަލަތަކަށް ބަލާއިރު ފާހަގަކުރޭ ކަމަކީ ސްކޫލްތަކާއި މުޖުތަމައުގައި ކުދިންގެ އަހްލާގީ މައްސަލަތައް އިތުރުވަމުންދާ ކަމެވެ. އަދި މި މައްސަލަތައް ގިނައިން ދިމާވަނީ، ސްކޫލް މަންހަޖުން ބާކީކޮށް ‘ދަސްވާރު’ ގެ ނަމުގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ކުދިންގެ މެދުގައި ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެމްޑީޕީން އަބަދު ވެސް ބުނަމުން އަންނަނީ ވަކި ކުދިބަޔަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލްކޮށްގެން ގެންގުޅުމަކީ ގޯހެއް ކަމަށެވެ. އެއީ ސްކޫލްތެރޭގައާއި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނީ ގޮތުންނާއި އަހްލާގީގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށެވެ. އަދި އެއީ އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ސްކޫލް ތެރޭގައާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މި ފަދަ މައްސަލަތައް ދިމާވުމުން، އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް ނޭޅި ދާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެން ދިމާވާ ސަބަބެއް ކަމަށް ދެކެނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ބޮޑަށް ވަންނަވައި، ސްކޫލްގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރު ސްކޫލްތަކަށް ނުދެއްވައި، ސްކޫލްގެ ކަންކަމާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ސީދާ އެޑިޔުކޭޝަން މިނިސްޓްރީން ނިންމަވަމުން ގެންދެވުމުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިހްތިޔާރާއި ބާރު ސްކޫލް މެނޭޖްމެންޓަށް ދޫކުރެއްވުމަށާއި، ސްކޫލްތަކުގެ ތެރޭގައާއި މުޖުތަމައުގައި ސްކޫލް އުމުރުގެ ކުދިން ކުށްކުށަށް އަރައިގަންނަ މައްސަލައާމެދު ހަރުދާނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މަދަރުސީ މާހައުލުގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް ވެސް އެމްޑީޕީން ވަނީ އެޑިޔުކޭޝަން މިނިސްޓްރީއަށް ގޮވައިލާފަ އެވެ.