ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުންތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނާޒިމް އަބްދުއްސައްތާރު ސަސްޕެންޑްކުރުމާ ގުޅިގެން، ވަކީލަކާ ނުލައި މައްސަލައިގެން ކުރިއަށްދިއުމަށް އަހުމަދު މަހުލޫފް ނިންމަވައިފިއެވެ.
މަހުލޫފް ވިދާޅުވީ އެގޮތަށް ނިންމެވީ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ނާޒިމް ސައްތާރު ސަސްޕެންޑްކުރުމާ ގުޅިގެން ދެން ތިބި ދެ ވަކީލުންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ކަމަށެވެ. އަދި އެ ދެ ވަކީލުން، އޭނާގެ ވަކީލުކަމުން ވަކިކޮށްފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ މިއީ ގާޒީ އަލީ އާދަމް، ނާޒިމް ސައްތާރު ސަސްޕެންޑްކުރި ދެވަނަ ފަހަރު ކަމަށެވެ.
Alhuganduge machah ufulaafaivaa “tweet” dhauvaage vakeelunge team ge iss vakeel Nazim suspend koffavaathee,emassalaiga dhen thibbevi Afeef & Hassaan ah libidhaane gellumakun salaamaiy kurumah 2 vakeelun alhuganduge vakikoffin. Mee Qaazi Ali Adam, Nazim suspend kuri 2vana faharu. pic.twitter.com/X6hCNJadTK
— Ahmed Mahloof (@AhmedMahloof) April 24, 2018
ނާޒިމް ސައްތާރުގެ އިތުރުން ޓްވީޓް މައްސަލާގައި، މަހުލޫފްގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައް ވަނީ އަހްމަދު އަބްދުﷲ އަފީފާއި މުހައްމަދު ހައްސާނެވެ.
ކްރިމިނަލް ކޯޓުން އަންގާފައިވާ އެންގުމެއްގައި ވަނީ، މަހްލޫފްގެ މައްޗަށް އުފުލާފައިވާ، ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުމަށް ފަހު، އެ މައްސަލައާ މެދު، އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފައްދާނެ ފަދަ ގޮތަކަށް އަމަލުކޮށް، ނާޒިމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މިމައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައި ވާތީ އާއި، ޝަރީއަތް ހިނގަމުންދާ ގޮތާ މެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް ބިނާކޮށް، ކޯޓުގެ ހުރުމަތް ގެއްލޭ ގޮތަށް ގާނޫނީ ވަކީލު ނާޒިމް އަމަލު ކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަހްލޫފްގެ އެ މައްސަލައިގެ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ސަސްޕެންޑް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އެ އެންގުމުގައި ވެއެވެ.