ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 20:18
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން
އިމޭޖަސް.އެމްވީ
އޭއެފްސީ ކަޕް 2018
މެޗުތަކުން ބަލިވުމަކީ ލިބުނު ހިތްވަރެއް، މާދަމާގެ މެޗުގެ ހަމައެކަނި އަމާޒަކީ ތިން ޕޮއިންޓް ހޯދުން: އޮސްކާ
ނިއު އެންމެފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައި
ެބެންގަލޫރު އަތުން މޮޅުވެގެން ކޮލިފައިވުމުގެ އުއްމީދު ނިއުއަށް ދެމެހެއްޓޭނެ

އޭއެފްސީ ކަޕްގައި މާދަމާ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ހަމައެކަނި އަމާޒަކީ ތިން ޕޮއިންޓް ހޯދުން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.

އޮސްކާ މިހެން ބުނެފައިވާއިރު އޭއެފްސީ ކަޕްގައި ރަށުން ބޭރުގައި ކުޅުނު މެޗުން ބެންގަލޫރު އަތުން އެ ޓީމު ބަލިވިއިރު އެސްޓީއޯ މާލޭ ލީގުގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ މެޗަކުން ބަލިވުމަށްފަހު މި މެޗާއި ކުރިމަތިލި ނަމަވެސް ހުރިހާ ކަމެއް ވެސް ބަލާނީ ޕޮޒިޓިވް ކަންކަމުގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅުނު މެޗުން ބަލިވީ ފަހު ވަގުތު ބައިކޮޅަށް ވަން ލަނޑުން ކަމަށާއި އަދި ވިކްޓްރީ އަތުން ބަލިވީ ނަސީބު ދެރަވުމުގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ މިފަދަ މެޗުތަކުން ބަލިވުމަކީ އާ ހިތްވަރަކާއެކު ނުކުންނަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި އެހެންކަމުން މާދަމާގެ މެޗުގެ ހަމައެކަނި އަމާޒަކީ ތިން ޕޮއިންޓް ހޯދުން ކަމަށެވެ.

އޮސްކާ ބުނީ މިއީ ދެކުނު އޭޝިއާގެ އެންމެ މޮޅު ދެ ކުޅުންތެރިންނާއި އެންމެ މޮޅު ދެ ޓީމުގެ ކުރިމަތިލުމެއް ކަމަށެވެ. އޭނާ ބުނީ މާދާމާގެ މެޗަކީ ވަރަށް ރީތި ފުޓްބޯޅައެއް ފެންނާނެ މެޗެއް ކަމަށާއި އެހެންކަމުން އެ މެޗު ބަލާލުމަށް ހުރިހާ ފަރާތްތައް ވެސް ދަނޑަށް އައުމަށް އެދޭ ކަމަށެވެ.

ނިއު މި މެޗަށް ނުކުންނައިރު އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ޖޯޖް ގޮޓޯ ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅޭނެއެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ނިއުގެ ވައިސް ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ބުނީ އޭނާ ނެތުމުން އުނދަގޫ ނުވާނެ ކަމަށާއި އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅޭ އާމިރީއާއެކު ވެސް ބައެއް މެޗުތައް ކުޅެފައިވާ ކަމަށެވެ. ހަމައެހެންމެ ކޯޗުގެ އިރުޝާދުގެ ދަށުން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި ﷲގެ އިރާދަފުޅާއެކު މާދަމާގެ މެޗު ކާމިޔާބުކޮށް ކުރިޔަށް ދެވެން އޮތް ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް އަކޫ ބުނެފައިވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ހަވީރު 04:00 ގަލޮޅު ދަނޑުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް