ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން ކުރަމުންދާ މަސައްކަތްތައް އެ ޓީމުން ހުއްޓުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ދެ ޓީމު މާދަމާ ރޭ ބަޔާންގެ ދަނޑުގައި ކުޅޭއިރު އަންނަ ސީޒަނުގައި ލެވަންޑޯސްކީ ފެންނާނީ ރެއާލްއިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ރެއާލްގެ ފޯވާޑް ލައިނުގައި ކުޅެމުން އަންނަ ކަރިމް ބެންޒެމާއަށް އެންމެ އެދެވޭ ކުޅުން ނުދެއްކޭއިރު ގެރެތު ބޭލްއަށް ވެސް ވަނީ އަނިޔާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރުއެވެ. އެހެން ނަމަވެސް އޭނާ އެ ޓީމުގައި މަޑުކުރުވުމުގެ ގޮތުން ބަޔާންއިން އޭނާއަށް އާ ކޮންޓްރެކްޓެއް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި ކެރިއަރު ނިންމާލުމުގެ ކުރިން ލެވަންޑޯސްކީ އާ ޓީމަކަށް ބަދަލުވާން ބޭނުންވެއެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުން އޭނާގެ އޭޖެންޓެއްގެ ގޮތުގައި ޕީނީ ޒަހާވީ ހަމަޖައްސާފައެވެ. ޒަހާވީއަކީ މީގެކުރިން ރިއޯ ފާޑިނާންޑް އަދި ކާލޯސް ޓެވޭޒްގެ އިތުރުން ހަވިޔާ މަޝެރާނޯގެ އޭޖެންޓްގެ މަގާމު އަދާކޮށްފައިވާ މީހެކެވެ.
ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަޔާންގެ އާ ކޯޗު ނީކޯ ކޮވާޗްއަށް ކާމިޔާބުގެ މަގު ކޮށައި ދިނުމުގެ ގޮތުން ލެވަންޑޯސްކީ އެ ޓީމުގައި މަޑުކުރުވުމަށް އެ ޓީމުގެ މެނޭޖްމަންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރެއާލްއިން އުއްމީދުކުރާ ގޮތުގައި ހަމޭސް ރޮޑްރިގޭޒް ބަޔާންއަށް ވިއްކާލުމާއެކު ލެވަންޑޯސްކީ ކުޑަ އަގެއްގައި ބަޔާންއިން ވިއްކާލާނެއެވެ.
ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އަންނަ ސީޒަނުގައި ވެސް ބަޔާންގެ ޖާޒީއިން ލެވަންޑޯސްކީ ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އިތުރު ގޮތެއް ހޯދަންވީ އެއްވެސް ސަބަބެއް އޭނާއަށް ނުފެންނަ ކަމަށެވެ.
މިއީ ބަޔާން އަދި ރެއާލްއިން ކުޅުންތެރިން ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ފުރަތަމަ ފަހަރެއް ނޫނެނެވެ. 2009 ވަނަ އަހަރު ރެއާލްއިން އާޔެން ރޮބެން ބަޔާންއަށް ވިއްކާލި ނަމަވެސް އޭރު ބަޔާންއަށް ކުޅުނު ފްރޭންކް ރިބެރީ ރެއާލްއަށް ވިއްކާލުމަށް ބަޔާންއިން ދެކޮޅު ހެދިއެވެ.
ބަޔާންގެ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2014 ވަނަ އަހަރު ބަޔާންއަށް ބަދަލުވުމަށް ފަހު ލެވަންޑޯސްކީ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ބަޔާންއަށް ކުޅުނު 184 މެޗުގައި 142 ލަނޑު އޭނާ ޖަހާފައިވާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެކެވެ. މި ސީޒަނުގައި ވެސް އުމުރުން 29 އަހަރުގެ ފޯވާޑްގެ ފަރާތުން ފެންނަމުންދަނީ މޮޅު ކުޅުމެކެވެ.
ބަޔާން މިއުނިކްގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން އަންނަ ލެވަންޑޯސްކީ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ބުންޑެސްލީގާ ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ޖަރުމަނު ކަޕް އަދި ޖަރުމަނު ސުޕާ ކަޕް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާއަކީ ބަޔާންއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާ ވެސްމެއެވެ.