ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން މުބާރާތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމު ކަޓައިފިއެވެ.
މި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗަށް ވާއިރު މި މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 25-15، 25-15 އަދި 25-22 އިންނެވެ. 2016 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ވެސް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މޮޅާއެކު ބަންގްލަދޭޝްއިން ވަނީ މި ޕޫލްގެ އެއްވަނަ މަގާމު ޔަގީންކޮށްފައެވެ.
މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ވެސް ނޭޕާލް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ރާއްޖެއަށް ގެއްލުނީ 25-21، 25-17 އަދި 25-15 އިންނެވެ. 2016 ވަނަ އަހަރުގެ މުބާރާތުގެ ތިންވަނަ ރާއްޖެއިން ހޯދީ ނޭޕާލް ބަލިކުރުމަށްފަހުއެވެ. ހަމައެހެންމެ މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގައި ކުޅުނު ސެންޓްރަލް ޒޯން މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.
މި މުބާރާތާއި ރާއްޖެ އިން ކުރިމަތިލީ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އިޝާން އިބްރާހިމް (ބަޓިސް) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިންގެ އިތުރުން އަޝްފާގް އާދަމް (އައްކަޅޭ) އާ ނުލައެވެ. މީގެ އިތުރުން ރާއްޖޭގެ ޓީމުން މިފަހަރު ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ފަހަރަށް ޖާގަ ވެސް ހޯދިއެވެ.
ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ތިން ވަނަ ރާއްޖެއިން ހޯދިއިރު އޭގެ ފަހުން ކުޅުނު ދެ މުބާރާތުގައި ވެސް ރާއްޖެ އެންމެ މެޗަކުން ވެސް މޮޅުވެފައެއް ނުވެއެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ރާއްޖެއަށް ސެޓެއް ވެސް ލިބިފައެއް ނުވެއެވެ.