ކ. މާލެ
|
24 އޭޕްރިލް 2018 | އަންގާރަ 05:04
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
ރާއްޖެ އެމްވީ
އަލީ ހުސައިން
ހުކުމެއް ނެތި މީހަކު ޖަލުގައި ބޭއްވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ: އަލީ ހުސެއިން
 
އަނިޔާ ދެމުން ދަނީ ރައީސް ޔާމީންގެ ކަރުހިކުން ފިލުވުމަށް
 
ރައީސް ޔާމިން ސިޔާސީ ބޭނުމަށް ބައެއް މީހުން ހައްޔަރުކޮށްފައި އެބަ ތިބި
 
އޭނާ ވަނީ ޝަރީއަތްތައް ހުޅުވާލައިގެން ކުރިއަށް ގެންދަން ގޮވާލައްވާފައި

ހުކުމެއް ނެތި ޖަލުގައި މީހަކު ބޭއްވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.  

"ހުއްޓުވާ"ނަމުގައި އެމްޑީޕީ އޮފީސް ކުރިމަތީ ހޯމަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރުކޮށްގެން ގެންގުޅުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މި ވަގުތު ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންނާއި ފުލުހުންގެ ކުރީގެ އިސްވެރިންނާއި ފުލުހުން ޖަލުގައި ތިބީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

ޖަލުގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ކިބައިން ވެސް އިންސާނީ ހައްގުތައް ނިގުޅައިގަނެވޭނެ ކަމަށް ގަބޫލުކުރާ ބަޔަކުވެސް އެބައުޅޭ ކަމަށާއި ނަމަވެސް އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ އެއްވެސް ހުކުމެއް ނެތި ހައްޔަރުކޮށްފައި ތިބި މީހުންނާއިމެދު އަމަލު ކުރަންޖެހޭނީ ވަކިން ރަނގަޅަށް ކަމަށެވެ.  

ކުށެއްގެ ތުހްމަތުގައި މީހުން ޖަލަށް ލުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ގައުމުގެ ސަލާމަތައްޓަކައި ބޮޑެތި ކުށްތައް ކުރާ މީހުން ބަންދުކުރުމަށްޓަކައި ގާނޫނުތައް ހެދިފައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ހުކުމަކާ ނުލައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ބައެއް ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.  

"އަޅުގަނޑުމެނަށް މި ފެންނަނީ ކުރީގެ ރައީސުންނާއި މިހާރުގެ ފަނޑިޔާރުންނާއި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިކަހަލަ އެތައް ބައެއް. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައި ތިބި އެތައް ބައިވަރު ބަޔަކު ޖަލުގައި ބަންދުކޮށްގެން މި ގެންގުޅެނީ މުޅި މުޖުތަމައުގެ ނުރައްކަލަކޭ ކިޔައިގެން. ހަގީގަތަކީ ރައީސް ޔާމިންގެ ސިޔާސީ ކަރުހިކުން ފިލުވުމަށްޓަކައި ސިޔާސީ ގޮތުން އޭނާ ބޭނުންވާ އުފަލެއް، އަޅުގަނޑުމެން މިކިޔާ އަނިޔާއިން ހޯދާ އުފަލެއް ހޯދުމަށްޓައި ހައްޔަރުކޮށްގެން އުޅޭ މީހުންގެ ވާހަކަ،" އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ ހުކުމަކާ ނުލައި ހައްޔަރުކުރުމުގެ އިތުރުން އެ ބޭފުޅުންނާމެދު ޝަރީއަތްތައް ހިންގަމުން ދަނީ ވެސް ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

 "މީހަކު ހައްޔަރުކުރެވުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާނަމަ އޭގެ ފަހުން އޭގެ މައްޗަށް ތަރުތީބުވެގެން ކުރެވޭ ކޮންމެ ކަމަކީވެސް ބާތިލް ކަމެއް. އެހެން ނަމަވެސް މި ބާތިލް ކަމަށް ބަލާލުމެއް ނެތި، ޝަރީއަތްތައް ފެށިގެން ބައެއް ޝަރީއަތްތައް ސިއްރު ކުރެވިގެން އަދި އަނެއް ބައި ޝަރީއަތްތައް ހަމަ ހިތުހުރި ގޮތަކަށް އެއްފަނޑިޔާރެއްގެ އަތުން އަނެއް ފަނޑިޔާރެއްގެ އަތުން ބަދަލު ކުރެވިގެން ހިންގާ ހިންގުމަކީ ޝަރުއީ އުސޫލުތަކާއި ޖިނާއީ އިޖްރާއަތުގެ ގާނޫނާ ހިލާފަށް ކަނޑައެޅިގެން ހިންގާ ޝަރީއަތްތަކެއް،" އޭނާ ވިދާޅުވި އެވެ.

 މި ގައުމުގައި އަދުލު އިންސާފު ގާއިމު ކުރަން އެދޭ ނަމަ ފުރަތަމަ ކުރަންވީ ކަމަކީ އަލީ ހުސައިން ވިދާޅުވި ގޮތުގައި ހުޅުވާލެވިގެން ޝަރީއަތްތަކުގެ އަޑުއެހުންތައް ބޭއްވުމެވެ.  މަދުވެގެން 35 މީހުނަށް އަޑުއެހުމަށް ވަދެވެން ޖެހޭނެ ކަމަށާއި ބަންދުގެ މުއްދަތުގެ ޝަރީއަތްތައްވެސް ބޭއްވެން ޖެހޭނީ ހުޅުވާލެވިގެން ކަމަށާއި ދެ ފަރާތުން ދައްކާ ވާހަކަތަކަކީ ބޭނުންވާ މީހުނަށް އަޑުއެހުމުގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.  

ހަމަ އެހެންމެ އަލީ ހުސެއިން އިތުރަށް ވިދާޅުވީ ސިޔާސީ މީހުން ދައްކާ ވާހަކައިގެ ތެދު ދޮގެއްވެސް އެނގޭނީ ހުޅުވާލައިގެން ޝަރީއަތްތައް ބާއްވަން ފެށުމުން ކަމަށާއި އޭރުން އިންސާފުވެރިކަމާއެކު ޝަރީއަތް ކުރުމަށްވެސް ގާޒީއަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. މައްސަލައެއް ކޯޓަށް ހުށައަޅައިގެން އިންސާފު ނުލިބި ގިނަ ދުވަސްތަކެއް ވުމަކީ އިންސާފަށް އެދޭ މީހާއަށް ލިބޭ ބޭއިންސާފެއް ކަން ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ އެ ބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެއްގައި ހުކުމް ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް