މޮންޓެ ކާލޯގައި މިހާރު ކުރިޔަށްދާ އޭޓީޕީ މޮންޓެ ކާލޯ މާސްޓާސް ޓެނިސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރަފައޭލް ނަޑާލް ހޯދައިފިއެވެ.
އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޖަޕާންގެ ކެއި ނިޝިކޯރީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ގާތްގަނޑަކަށް 94 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-3 އަދި 6-4 އިންނެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ނަޑާލްއަށް ނުލިބުނުނަމަ އޭނާއަށް ދުނިޔޭގެ ރޭންކިންގެ އެއްވަނަ މަގާމު ސްވިޓްޒަލޭންޑްގެ ރޯޖާ ފެޑެރާއަށް ގެއްލޭނެއެވެ. އެހެން ނަމަވެސް މި ތަށްޓާއެކު އޭނާ ދެން އޮންނަ އޭޓީޕީ މުބާރާތަކަށް ވެސް ނުކުންނާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައެވެ.
މި މުބާރާތުގެ ތަށި ހޯދުމަށްފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ ޓްރޮފީއެއް ކަމަށާއި މިއީ އޭޓީޕީ ވޯލްޑް ޓުއާރގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ. އޭނާ ބުނީ އޭނާގެ ރައްޓެހިންނާއި އާއިލާއަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށާއި އޭނާއާ ދެކޮޅަށް ފައިނަލްގައި ކުޅުނު ނިޝިކޯރީއަށް ވެސް މަރުހަބާ ކިޔަން ބޭނުންވާ ކަމަށެވެ.
މި މުބާރާތަކީ އޮސްޓްރޭލިއަން އޯޕަންގައި ލިބުނު އަނިޔާއަށް ފަހު ނަޑާލް ވާދަކުރި ދެވަނަ މުބާރާތެވެ. މިއީ އޭނާ ކާމިޔާބުކުރި 31 ވަނަ މާސްޓާސް ފެންވަރުގެ މުބާރާތަށްވާއިރު މިއީ މޮންޓެ ކާލޯގައި އޭނާ ކާމިޔާބުކުރި 11 ވަނަ މުބާރާތެވެ. ނަޑާލްއާ އެއް އަދަދަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މާސްޓާސް ފެންވަރުގެ މުބާރާތްތައް ކާމިޔާބުކުރެވިފައެއް ނުވެއެވެ.