ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 21:09
ލެރޯއި ސާނޭ
ލެރޯއި ސާނޭ
ޓްވިޓަރ
ޕީއެފްއޭ އެވޯޑްސް
ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ސާނޭ
މި އެވޯޑުގައި ސާނޭގެ ފަހަތުން ދެވަނައަށް އައީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން

އިނގިރޭސިވިލާތާއި ވޭލްސްގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ވިންގަރ ލެރޯއި ސާނޭ ހޯދައިފިއެވެ.

އުމުރުން 22 އަހަރުގެ ސާނޭ މި އެވޯޑު ހޯދީ އޭނާގެ ޓީމުގެ ރަހީމް ސްޓާލިން އާއި އެ ޓީމުގެ ކީޕަރު އެޑާސަން މޮއާރޭސް އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ފުލަމްގެ ޑިފެންޑަރު ރަޔާން ސެސެންޔޯން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

މި އެވޯޑު ލިބުމަށްފަހު ވާހަކަ ދައްކަމުން ސާނޭ ބުނީ އޭނާއަށް މި އެވޯޑު ލިބުމުގެ އެންމެ ބޮޑު ސިއްރަކީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ކަމަށާއި އޭނާއަކީ ދުނިޔޭގޭ އެންމެ މޮޅު ކޯޗުގެ ގޮތުގައި ދެކޭ ކަމަށެވެ. އެގޮތުން އަބަދުވެސް އެންމެ މޮޅު ކުޅުން ދެއްކުމަށް ގާޑިއޯލާ ޑިމާންޑްކުރާ ކަމަށާއި މި ސީޒަނުގައި ފެނިގެންދިޔައީ އެ ތަފާތު ކަމަށެވެ. އޭނާ ބުނީ މި އެވޯޑަށް ނޮމިނޭޓްވި އެހެން ކުޅުންތެރިންނަކީ ވެސް ވަރަށް ތަފާތު މޮޅު ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ވެސް މި އެވޯޑު ހައްގު ކަމަށް ގަބޫލުކުރާ ކަމަށެވެ.

މި އެވޯޑުގައި ސާނޭގެ ފަހަތުން ދެވަނައަށް އައީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއެވެ. ހަމައެހެންމެ ތިންވަނައަށް ދިޔައީ ސްޓާލިންއެވެ.

ސާނޭގެ ތަފާތު މޮޅު ކުޅުމާއެކު ސިޓީއިން ޕްރިމިއާ ލީގުގެ ތަށި ޔަގީންކޮށްފައިވާއިރު އޭނާ ވަނީ އެ ޓީމަށް 13 ލަނޑު ޖަހާ 16 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ސާނޭ ވެގެންގޮސްފައިވަނީ 1976 ވަނަ އަހަރު ޕީޓާ ބާންސް މި އެވޯޑު ހޯދި ފަހުން މި އެވޯޑު ހޯދި ސިޓީއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ހަމައެހެންމެ އޭނާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހުން މި އެވޯޑާއެކު ޕްރިމިއާ ލީގުގެ ތަށި ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި އެވޯޑަށް ވާދަކުރި ސްޓާލިން ވެސް އަންނަނީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެ ޓީމަށް 16 ލަނޑު ޖަހައިދީފައެވެ. އެހެން ނަމަވެސް ސީޒަނުގެ މެދުތެރެއިން ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔައެވެ. ސިޓީގެ ކީޕަރު އެޑާސަން ވަނީ މި ސީޒަނުގައި އޭނާ ކުޅުނު މެޗުތަކުގެ ތެރެއިން 15 މެޗެއްގައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ. މި ކުޅުންތެރިގެ ތެރޭގައި ހިމެނުނު އެންމެ ޒުވާން ކުޅުންތެރިޔަކީ ފުލަމްއަށް ކުޅެމުން އަންނަ އުމުރުން 17 އަހަރުގެ ޑިފެންޑަރު ރަޔާން ސެސެންޔޯންއެވެ. އޭނާ ވެގެންގޮސްފައިވަނީ 1983 ވަނަ އަހަރުގެ ފަހުން މި އެވޯޑަށް ނޮމިނޭޓްވި އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ނިސްބަތްނުވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް މި އެވޯޑު ހޯދި ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލޭ އަލީ މިފަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެއް ނުވެއެވެ. މި އެވޯޑަކީ 1974 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް