ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 19:16
ހިނގާލުން މަޖީދީމަގުން ހުއްޓުވާފައި
ހިނގާލުން މަޖީދީމަގުން ހުއްޓުވާފައި
އަޝްވާ ފަހީމް
ޔާމިން ރަޝީދުގެ މަރު
ޔާމިން ރަޝީދުގެ ޝަރީއަތް ހުޅުވާލުމަށް ގޮވާލައި ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި
 
ޝަރީއަތްތައް ބާއްވަނީ ސިއްރުކޮށްގެން
 
ޔާމިން ރަޝީދު މަރާލިތާ މިއަދަށް މިވީ 1 އަހަރު

އަނިޔާވެރި ލާއިންސާނީ އަނިޔާތަކެއްދީ މަރާލާފައިވާ ބްލޮގަރ ޔާމިން ރަޝީދުގެ ޝަރީއަތް ސިއްރު ނުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފިއެވެ.

ޔާމިންގެ އާއިލާ އާއި ރައްޓެހިން އަދި ބައެއް ޖަމްއިއްޔާތަކުން އިސްނަގައިގެން ބާއްވަން އުޅުނު މިހިނގާލުން ފެށީ ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުންނެވެ. ޝަރީއަތް ހުޅުވާލުމަށް ގޮވާލާ ބެނާއަކާއި އެކަމަށް ހިތްވަރުދޭ ބޯޑުތަކާ އެކު ފެށި މިހިނގާލުމުގެ ބައިވެރިންނަށް ކުރިއަށް ދެވޭވަރުވީ މަޖީދީމަގުން މާވެޔޮމަގު ކަންމައްޗާ ހަމައަށެވެ. އެހިސާބުން ފުލުހުން އެސަރަހައްދަށް ޖަމާވެ ހިނގާލުމުގެ ބައިވެރިން ހުއްޓުވިއެވެ. އަދި ހިނގާލުމުގެ ބައިވެރިންގެ ތެރެއިން އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއީލް ނަސީމާއި އޭނާގެ މަންމަ ހައްޔަރުކޮށްގެން ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ އެ ދެމީހުން ވެސް ދޫކޮށްލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ބައިވެރިވި މިހިނގާލުމަށް ފުލުހުން ހުރަސްއަޅައި ރޫޅަލުމުން އެފަރާތްތައް ވަނީ އެކި މަގުތަކުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި އަޑު އުފުލާފައެވެ.

އެތަނުގައި ބައެއް ފަރާތްތަކުން ވާހަކަ ދެއްކިއިރު މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ ޔާމިން ރަޝީދުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ސިއްރު ކުރުމުން އިންސާފް ލިބިދާނެ ކަމާ މެދު ޝައްކު ކުރެވޭ ކަމަށެވެ. މީގެ އިތުރުން ޤާނޫނު އަސާސީގައި ވެސް ވަނީ އެފަދަ ޝަރީއަތްތައް ހުޅުވައިލައިގެން ބޭއްވުމަށް ކަމަށެވެ.

މިހަރަކާތް ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހި ފަހުންނެވެ. އަދި ޔާމިންއަށް އިންސާފް ހޯދުމަށް ގޮވާލުމަށާއި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ގޮވާލާ ތަފާތު ހަރަކާތްތައް ކުރިއަށް އޮތްތަނުގައި ވެސް ބާއްވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

ޔާމިން ރަޝީދުގެ މަރާ ގުޅިގެން 7 މީހަކު މިވަގުތު ވެސް ތިބީ ފުލުހުންގެ ބަންދުގައެވެ. އެފަރާތްތަކަކީ ފޮޓޯ އާއި އެމީހުންގެ ވަނަވަރު ޢާއްމުކޮށް އެމީހުން ބައިވެރިވެފައިވާ މިންވަރު ފުލުހުން ހާމަކޮށްފައިވާ ބައެކެވެ. ޔާމިންގެ އާއިލާގެ އިތުރުން ދައުވާ ރައްދުވާ ފަރާތްތައް ވެސް ބޭނުންވަނީ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށެވެ. ޝަރީއަތް ސިއްރުކުރަނީ ދައުލަތުން އެދިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް