ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 19:10
ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ކުރިމަތީގައި
ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުން ސުޕްރީމް ކޯޓު ކުރިމަތީގައި
ޙުސައިން ޙަސަން
ސުޕްރީމް ކޯޓު
12 މެމްބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ!
 
އަޑުއެހުން އޮތީ މެންދުރު ފަހު 1:30ގައި
 
އިތުރު އަޑުއެހުމެއް ބޭއްވުން ވެސް އެކަށީގެންވޭ
 
އަޑުއެހުންތައް ނިންމާލާފައިވާތާ މަސް ދުވަސް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭގެ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ތައްޔާރުވެފައި ވަނިކޮށް، އެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިއުލާންކޮށްފައި ވަނީ އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އެހެންކަމުން އަންގާރަ ދުވަހުގެ މެންދުރު 1:30 ގައި އެޖެންޑާކޮށްފައި ވަނީ އެ މައްސަލައިގެ ހުކުމް ކުރުން ކަމަށް ބެލެވެއެވެ.

ނަމަވެސް ފަނޑިޔާރުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ހުކުމް ކުރަން ބޭއްވި ޝަރީއަތުގައި ވެސް ވަނީ އިތުރުކަންކަން ޝަރީއަތުން ސާފުކޮށްފައެވެ. އެ މައްސަލާގައި ހުކުމްނުކޮށް، އެ ދުވަހު ކުރިއަށް ގެންދިޔައީ އިތުރު އަޑުއެހުމެއްގެ ގޮތުގައެވެ.

އެހެންކަމުން އަންގާރަ ދުވަހު ބާއްވާ އެންޓި ޑިފެކްޝަންގެ މައްސަލައާ ގުޅޭ އިތުރު ކަންކަން ސާފު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލަތު ކުރައްވާ ގާނޫނީ ވަކީލު ސަފާ ޝަރީފު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހަށް ތާވަލުކޮށްފައި ވަނީ ސީދާ ހުކުމް ކުރުމަށް ކަމެއް ކަށަވަރު ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ ކަމަށާއި މާދަމާ އަޑުއެހުން ބާއްވަނީ ކޮން ކަމަކާ ގުޅޭ ގޮތުންކަން އެނގިފައި ނުވާ ކަމަށް ސަފާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، ޕާޓީ ބަދަލުކޮށްފައިވާ މެމްބަރުންނާއި ޕާޓީން ވަކިކޮށްފައިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން، މަޖިލީހުގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިކޮށްފައެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންނާއި ޕާޓީން ވަކިކުރާ މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް ވަނީ އަންގާފައެވެ. ނަމަވެސް އެކަމުގައި ފަހު ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް