ކ. މާލެ
|
23 އޭޕްރިލް 2018 | ހޯމަ 15:01
މަހުލޫފު: ކޯޓަށް ހާޒިރު ކުރީ ކަރެކްޝަން މެދުވެރިކޮށް
މަހުލޫފު: ކޯޓަށް ހާޒިރު ކުރީ ކަރެކްޝަން މެދުވެރިކޮށް
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
ގާޒީ ވިދާޅުވާ އެއްޗަކަށް އާއެކޭ ބުނަން ވެސް މިހާރު ބިރުގަނޭ: މަހުލޫފު
 
ކުށް ސާބިތުވެއްޖެ ނަމަ، 4 މަހުގެ ޖަލު ހުކުމެއް

ކްރިމިނަލް ކޯޓުގައި ގާޒީން ކުރައްވާ ސުވާލަށް، އާ ބަސް ބުނަން ވެސް މިހާރު ބިރު ގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު އެހެން ވިދާޅުވީ އޭނާ ގޭ ބަންދުގައި ހުއްޓާ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެން ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. ހޯމަ ދުވަހު މަހުލޫފުގެ މައްޗަށް ކުރިއަށް ގެންދިޔައީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. އެ ދައުވާ މަހުލޫފުގެ މައްޗަށް އުފުލީ އޭނާ ކުރެެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ ދައުވާ ސާފުވެއްޖެތޯ ގާޒީ ސުވާލު ކުރެއްވުމުން މަހުލޫފު ވިދާޅުވީ ލިޔަން ކިޔަން އެނގޭތީ، ދައުވާގައި ބުނާ އިބާރާތް އެނގޭ ކަމަށާއި ނަމަވެސް އެ ދައުވާ ސާފު ނުވާ ކަމަށެވެ. ސަބަބެއް ކަމުގައި މަހުލޫފު ވިދާޅުވީ ދައުވާގައި ބުނާ ޓްވީޓަކީ އެއްވެސް އިދާރާއަކަށް މައުލޫމާތެއް ފޯރުކޮށްދިނުމަށް ކުރި ޓްވީޓެއް ނޫން ކަމަށާއި އެ ޓްވީޓަކީ އޭނާގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ކުރެއްވި ޓްވީޓެއް ކަމަށެވެ. އެހެންކަމުން ދައުވާގައި ބުނެފައިވާ ދައުލަތުގެ އިދާރާއަކަށް މައުލުމާތެއް ދިން ކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު އެހެން ވިދާޅުވުމުން، އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުވާ ސާފުވާ ކަމަށް ބުނުމަކީ ކުށެއް ސާބިތުވާންޖެހޭ ކަމެއް ނޫން ކަމަށާއި ދައުވާގައިވާ ވާހަކަަތައް އެނގޭ ކަމަށްވާ ނަމަ ސާފުވާ ކަމަށް ބުނެވިދާނެ ކަމަށެވެ.

ގާޒީ އެހެން ވިދާޅުވުމާ އެކު މަހުލޫފު ވިދާޅުވީ މީގެ ކުރިން ކަންކަން ހިނގާފައިވާ ގޮތުން ގާޒީ ކުރައްވާ ސުވާލަކަށް އާނ ބަސް ބުނަން ބިރުގަންނަ ކަމަށެވެ.

ދައުވާގައި ބުނާ ޓްވީޓާ ގުޅޭ ގޮތުން މަހުލޫފު ވިދާޅުވީ އޭނާ އެ ޓްވީޓު ކުރެއްވީ ފަރުވާ ނުލިބި ޖަލުގައި މީހުން މަރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް ކަމަށެވެ. އޭނާ އެ ޓްވީޓު ކުރެއްވީ އެއްވެސް އިދާރާއެއް ޓެގުކޮށް، އިދާރާއަކަށް މައުލޫމާތެއް ދިނުމަށް ނޫން ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ސްރީލަންކާގައި ހުންނަވާ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި އެ ޓްވީގައި ވިދާޅުވެފައި ވަނީ ކ. މާފުށީ ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާ ނުދީ ގައިދީން މަރަމުންދާ ކަމަށާއި އަހަރެއްގެ ތެރޭ 10 ގައިދީން މަރުވީމަ އެއީ ސީރިއަސް މައްސަލައެއް ކަމަށް އެ ޓްވީޓqގައިވެއެވެ. ކަރެކްޝަނަލް ސާވިސްގެ އިސް ވެރިން އެކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަހުލޫފު ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ އޭނާ ޖަލުގައި އޮތް އިރު އެ ޝަކުވާ ކަރެކްޝަނާ ކުރެވުނު އަދަދެއް ވެސް ނޭނގޭ ކަމަށެވެ.

މަހުލޫފު ކުރެއްވި އެ ޓްވީޓާ ގުޅިގެން، ކުރާ ދައުވާ ސާބިތުވެއްޖެނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
50%
0%
50%
0%
0%
ކޮމެންޓް